08 ޑިސެމްބަރ 2016 - 12:38

ވެރިކަން ކުރުމާއި ގާނޫނުތައް ހެދުމުގައި ރާއްޖެ އާއި ޗައިނާ އިން ތަޖުރިބާ ހިއްސާކޮށް، އެއްބާރުލުން ދޭން ޖެހޭ ކަމަށް ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝިންގް ޑިޖެންގް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގައި މިހާރު ހުންނެވި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ބައްދަލުކުރައްވައި ޝިންގް ވިދާޅުވީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ވަރަށް ބޮޑު އިސްކަމެއް ޗައިނާ އިން ދޭ ކަމަށެވެ. އެ ގޮތުން، ވެރިކަން ކުރުމުގެ ތަޖުރިބާ ހިއްސާކޮށް، ގާނޫނުތައް ހެދުމުގައި އެއްބާރުލުން ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އަކީ ޑިމޮކްރެސީ އަކަށް ވިޔަސް، ޗައިނާ އަކީ އެއް ޕާޓީ އޮންނަ ކޮމިއުނިސްޓް ދައުލަތެކެވެ. ގާނޫނު ހަދާ މަޖިލީހެއް އޮތަސް، އެ ތަން ވެސް ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ކޮމިއުނިސްޓް ޕާޓީންނެވެ. ވެރިންނަށް ފާޑުކިޔުން މުޅިން އެއްކޮށް މަނާކޮށްފައި ވާއިރު، ސަރުކާރާ ދެކޮޅުވާ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދެ އެވެ. އަދި މީޑިއާ ވެސް ހިންގަނީ ސަރުކާރުންނެވެ.
މީގެ އިތުރުން، ޝިންގް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް 2014 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާ އެކު ބަދަހި ގުޅުމެއް ގާއިމްކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން، ދެ ގައުމުގެ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރި އަދި އިންފްރަސްޓްރަކްޗާގެ ދާއިރާ އިން ދެ ގައުމުން ގިނަ ކުރިއެރުންތަކެއް ހޯދައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ގުޅުން އިތުރަށް ބަދަހި ކުރަން، މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް އެ ގޮތުގައި ކުރިއަށް ގެންގޮސް، އިތުރު ދާއިރާތަކަށް ގުޅުން ފުޅާކުރަން މަސައްކަތް ކުރަން ޝިންގް ގޮވާލެއްވި އެވެ. އަދި ޗައިނާގެ ވިޔަފާރި ފުޅާކުރަން ގާއިމްކުރާ ސިލްކް ރޫޓަށް ފެތޭ ގޮތަށް ދެ ގައުމުގެ ތަރައްގީގެ ވިސްނުން ބައްޓަން ކުރަން ވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ދެ ގައުމަށް ފައިދާ ހުރި ކަންކަން ކުރިއަރުވަން ރާއްޖެއާ އެކު ޗައިނާ އިން މަސައްކަތް ކުރާނަން،" އެ ޝިންގް ވިދާޅުވި އެވެ.
މަސީހުގެ އިތުރުން، މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ވަފުދާ އެކު ބޭއްވި މި ބައްދަލުވުމުގައި މަސީހު ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ، ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކާ މެދު އޮންނަންޖެހޭ ގުޅުމުގެ ލާމަސީލު މިސާލެކެވެ. އެ ގުޅުމުގެ ސަބަބުން ފައިދާ ކުރަނީ، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މުޅި ގައުމަށެވެ.
ޗައިނާގެ ސިލްކް ރޫޓުގެ މަޝްރޫއުގައި ޑިސެމްބަރު 2014 ގައި ރާއްޖެ އިން ރަސްމީކޮށް ބައިވެރިވެފައި ވާއިރު، މި މަޝްރޫއުގެ ދަށުން ޗައިނާ އިން އިސްކަންދެނީ އެކި ގައުމުތަކުގައި އިންފްރަސްޓްރަކްޗާ މަޝްރޫއުތައް ހިންގާށެވެ. އެ ގޮތުން، ޗައިނާ އަށް މުހިއްމު އަދި ސްޓްރެޓީޖިކް ސަރަހައްދުތަކުގައި ހުންނަ ގައުމުތަކުގައި ބްރިޖާއި އެއާޕޯޓާއި ބަނދަރުތައް ހަދަން ލޯނާއި އެހެން ގޮތް ގޮތުން ޗައިނާ އިން އެހީ ދެ އެވެ.
ސިލްކް ރޫޓުގައި ހިމެނޭ އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ މެމްބަރަކަށް ވެސް ރާއްޖެ ވަނީ ވެފަ އެވެ. އެއީ އިންފްރަސްޓްރަކްޗާ މަޝްރޫއުތަކަށް ލޯނު ދޭން ހެދި ބޭންކެކެވެ.
އެއާޕޯޓް މަޝްރޫއުގެ އިތުރުން ވެސް ޗައިނާ އިން ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓުތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަޝްރޫއަށް ޗައިނާ އިން ލޯނު ދީފައި ވާއިރު، ލާމު އަތޮޅުގައި ހެދި ލިންކް ރޯޑަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ. މީގެ އިތުރުން، ޗައިނާގެ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގަ އާއި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.
ޗައިނާއާ އެކު ރާއްޖޭން ގުޅުން ބަދަހި ކުރާތީ، އަވަށްޓެރި އިންޑިއާ ފަދަ ޗައިނާގެ ވާދަވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.