15 ނޮވެމްބަރ 2021 - 14:55

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އަށް ބޭނުންވާ ފައިޒާ ބަޔޯއެންޓެކް ވެކްސިން ހޯދުމަށް ފައިޒާ އެކްސްޕޯޓް ބީވީއާ އެކު "މެނުފެކްޗަރިން އެންޑް ސަޕްލައި" އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި މި މަހުގެ 10 ވަނަ ދުވަހު ނެރުއްވި ގަރާރެއްގައިވާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާތީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ބަލިން އަރައިގަތުމަށް ބޭނުންވާ ފައިޒާ ވެކްސިން ހޯދުމަށް ސަރުކާރުން ނިންމީ އެވެ.
އެ ގަރާރުގައި ބުނީ ފައިޒާ ވެކްސިނަށް މުޅި ދުނިޔެ ޖެހިފައިވާތީ އެ ވެކްސިން މި ވަގުތު ވަކި ބައެއްގެ އަތުން ނޫނީ ލިބެން ވެސް ނެތް ކަމަށެވެ. އަދި ވެކްސިން ދޫކުރަމުންދަނީ ޕްރޮކިއުމަންޓްގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށް މި އެއްބަސްވުމުގައި ކޮންމެހެން ސޮއިކުރަންޖެހޭ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކަމަށް އޭގައިވެ އެވެ.
އެހެންވެ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ގަރާރުގައި ބުންޏެވެ.
- ދައުލަތުގެ މާލިއްޔަތު ގަވާއިދު 10.43 ވަނަ މާއްދާ
- ދައުލަތުގެ މާލިއްުޔަތު ގަވާއިދުގެ 10.52 ވަނަ މާއްދާ
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.67 ވަނަ މާއްދާ
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.71 ވަނަ މާއްދާ
އެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށް އެ ކުންފުންޏާ އެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި އެ އެއްބަސްވުމުގެ މުއްދަތުގައި އަމަލުކުރާނީ އޭގައިވާ ގޮތަށް ކަމަށް ގަރާރުގައިވެ އެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރާނެ ކަމަށް ވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވެސް އަންގައިފަ އެވެ.
ފައިޒާ ވެކްސިން އިތުރަށް ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ނިންމިއިރު ރާއްޖޭގައި ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ދެނީ ވެސް ހަމައެކަނި ފައިޒާ ވެކްސިނުންނެވެ. އެކަމަކު މި ވަގުތު ބޫސްޓާ ޑޯޒް ދެނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް އެކަންޏެވެ.