08 ޑިސެމްބަރ 2016 - 11:52

މި ސީޒަނުގައި ކޯޗުކޮށްދިން ހަންގޭރީގެ ލާސްލޯ ކިސް ނުގެންނަން ނިންމާފައިވާ ކަމަށާއި ދިވެހި ކޯޗަކާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބް އަންނަ ސީޒަނުގައި ފެންނާނީ ވަރުގަދަކޮށް ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާ ހަމައިން ކިސް ގެނެސް ވިކްޓަރީން ނަތީޖާ ރަނގަޅުކުރި ނަމަވެސް ވިކްޓަރީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޖެހުނީ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ޒެފްރޯލާ އެކު ކުޅުނު ޕްލޭއޮފް ކާމިޔާބުކޮށްގެންނެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ ކިސް ނުގެންނަން ކްލަބުގެ ބޯޑުން ނިންމާފައިވާ ކަމަށާއި ކްލަބުން މަސައްކަތްކުރަނީ މި އަހަރު ބީޖީ ސްޕޯޓްސް ކޯޗުކޮށްދިން މުހައްމަދު ޝާޒްލީ (ޝާޒް) ގެންނަން ކަމަށެވެ.
"ޝާޒްއާ ވާހަކަދައްކަމުން މި އަންނަނީ. އަންނަ ސީޒަނުގައި ވިކްޓަރީން ފެންނާނީ ލޯކަލް ކޯޗެއް،" ފަޔާ ވިދާޅުވި އެވެ.
ވިކްޓަރީ އަށް ކުރިން ކުޅެފައިވާ ޝާޒް ވަނީ 2012 ވަނަ އަހަރުގެ ބީޖީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީފަ އެވެ. އެ ޓީމަށް 2013 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން ނަމަވެސް ވަކިހިސާބަކުން އޭނާ ވަނީ ވަކިކޮށްފަ އެވެ. އޭގެ ފަހުން ދެ ވަނަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކޯޗުކޮށްދިން އިރު ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށްް ވެސް ކޯޗުކޮށްދިނެވެ. ބީޖީއާ އަލުން ހަވާލުވެ، މި އަހަރު އެދެވޭ ނަތީޖާއެއް ނުނެރެވި އެ ޓީމު ވަނީ ރެލިގޭޓްވެފަ އެވެ.
ފަޔާ ވިދާޅުވީ އެ ކްލަބުން ކުޅުންތެރިންނާ ވާހަކަދައްކަމުން އަންނަ ކަމަށާއި މި އަހަރަށް ވުރެ ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި މަސް ތެރޭ ސަޕޯޓަރުންނަށް އުފާވެރި ހަބަރުތަކެއް ދޭނަން ކްލަބުން. މިހާރު މި އަންނަނީ ކުޅުންތެރިން ވާހަކަދައްކަމުން. މި އަހަރަށް ވުރެ ސްޓްރޯންގް ޓީމެއް ނެރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި އަންނަނީ،" ފަޔާ ވިދާޅުވި އެވެ.
ވިކްޓަރީ އަކީ 1972 ވަނަ އަހަރު އެ ކްލަބް އުފެދުނީއްސުރެ، 2012 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ފުޓްބޯޅައިގެ ގަދަބާރެކެވެ. އެކަމަކު 2012 ވަނަ އަހަރު ކްލަބުގެ މެނޭޖްމަންޓުގައި އުފެދުނު ހިޔާލުތަފާވުންތަކަކަށް ފަހު ބައެއް އިސް ހިންގުންތެރިން ދުރުވެ އެ ކްލަބް ވަނީ އަޑިއަޅާލައިފަ އެވެ. މި އަހަރު އެ ޓީމު ފެނިގެން ދިޔައީ ކުރިއަށް ވުރެ ގަދަކޮށެވެ.