26 ނޮވެމްބަރ 2021 - 09:12

މި މުބާރާތުގެ ޕްރެކްޓިސްގައި އޭނާ އުޅުނުއިރު އޭނާގެ މަންމަ ވެސް ބުނަމުންދިޔައީ ކީއްކުރަން ކުރާ ކަމެއް ހެއްޔޭ އެވެ؟ އެކަމަކު ރާއްޖޭގެ ފުރަތަމަ ސައިކަލު ރޭހުގެ އަންހެން ބައިން މޮޅުވެ ގެޔަށް ދިއުމުން މަންމަގެ ޖަވާބަކީ މި އެވެ؛ "ތިގޮތަށް ވާންޖެހޭނެއޭ. ކުރާ ކޮންމެ ކަމެއް ކާމިޔާބުކުރަންވާނެއޭ،" އެވެ.

ހދ. ކުޅުދުއްފުށީ ޖުވައިރިޔާ މުހައްމަދު (ޖޫލީ) އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި މޮޓޯ ރޭސިން މުބާރާތުގެ ޗެމްޕިއަން އެވެ. މި އަހަރުގެ ޒުވާނުންގެ ދުވަހަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި މުބާރާތުގައި ޖޫލީއާ އެކު ނުވަ އަންހެނަކު ބައިވެރިވި ނަމަވެސް މުބާރާތުގެ މާކުރިން ވެސް އޭނާއަށް މި މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި މިހާރު މަސައްކަތްކުރަމުން އަންނަ ޖޫލީ، "މިހާރު" އަށް ބުނި ގޮތުގައި މޮޓޯ ރޭސިން މުބާރާތެއް އޮތްކަމުގެ އިސްތިހާރު ފެނުމާ އެކު އެކަމަށް ޝައުގުވެރިވެގެން އޭނާ މެސެޖްކުރި އެވެ. އެކަމަކު އަމިއްލަ ސާމާނުގައި ބައިވެރިވާން ޖެހޭ ވާހަކަ ބުނުމުން މުބާރާތުގައި ވާދަކުރެވޭނެ ކަމުގެ އުއްމީދު އޭނާއަށް ގެއްލުނެވެ.
"ރެންޑަމް މެސެޖެއް ކޮށްލީ އިންޓްރެސްޓެޑްއޭ. އެކަމަކު ބައިވެރިވާން އެއްޗިއްސެއް ނެތޭ. އެހެން ބުނީމަ އެމީހުން ބުނީ ނެކްސްޓް އިޔާދޯއޭ،" ޖޫލީ ކިޔައިދިނެވެ.
މުބާރާތުގައި ބައިވެރިވެވޭނެ ކަމުގެ އުއްމީދު ގެއްލުނު ނަމަވެސް، އެހާ ހިސާބުން މުބާރާތަށް ޝައުގުވެރިވާ އަންހެން ކުދިން ހޯދުމުގެ މަސައްކަތް ވެސް އޭނާ ފެށި އެވެ. އެކަމަކު އޭނާގެ އުއްމީދުތައް އަނެއްކާ ވެސް އާވީ މުބާރާތް ބޭއްވުމުގެ ކުރިން އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިންނާ އެކު އިވެންޓް އިންތިޒާމުކުރި ފަރާތުން ބޭއްވި ބައްދަލުވުމާ އެކު އެވެ.
އެ ބައްދަލުވުމުގައި އެންގީ ފިރިހެން ކުދިން ދުއްވާ ސައިކަލުގައި އަންހެން ކުދިންނަށް ވެސް މުބާރާތުގައި ވާދަކުރެވިދާނެ ކަމެވެ. މި ހަބަރުން ޖޫލީއަށް އުއްމީދު ބޮޑުވީ އޭނާގެ ފިރިމީހާ ވެސް މި މުބާރާތުގައި ބައިވެރިވާން ތައްޔާރުވަމުން ދިއުމުންނެވެ.
މި މުބާރާތުގައި ކޮންމެ ކަހަލަ، ސައިކަލެއްގައި ރޭސް ޖެހުމުގެ ފުރުސަތު އޮތަސް ޖޫލީ ބައިވެރިވީ އޭނާގެ ފިރިމީހާ ގެންގުޅޭ ގިޔަރު ސައިކަލު މޮޑިފައިކޮށް ކްލަޗް އެއްޗަކަށް ބަދަލު ކޮށްގެންނެވެ. ދެމަފިރިން ވެސް ދުއްވީ އެ ސައިކަލެވެ.
"ފިރިހެން ކުދިން ވެސް އަރާ ސައިކަލުގަ އަންހެން ކުދިންނަށް ވެސް އެރޭނެޔޭ. އެއީ ތަފާތު އިވެންޓެކޭ. ދެ ކެޓަގަރީއެއް ވިއްޔާ އެެއް ސައިކަލެއް ބޭނުންކުރެވޭނެއޭ. އެ ހިސާބުން އަސްލު ޗާންސް ހުޅުވުނީ. އެހެންނޫނީ ހުރީ އަމިއްލަ ސައިކަލު، އޮޓޯއެއްގައި އަރާ ގޮތަށް،" ޖޫލީ ކިޔައިދިނެވެ.
އެ މުބާރާތުގައި ޖޫލީ ވާދަކުރީ އޭނާގެ ފިރިމީހާ ވެސް ވާދަކުރި އޮރި މޮޓޯސް ޓީމުގެ މެމްބަރެއްގެ ގޮތުގަ އެވެ.
"ކްލަޗް ސައިކަލު 2018 ގައި ދަސްކޮށްފިން ދުއްވަން. އެރި ކުދިންގެ ތެރެއިން ދެ ކުއްޖަކު އެރީ ކްލަޗްގައި. އެހެން ކުދިން ހަމަ އާންމުކޮށް ދުއްވާ ސައިކަލުގައި އެރީ. އެހެންވެ ފުދޭވަރަކަށް ޔަގީންކަން އޮތް އެރި އިރު ވެސް މުބާރާތް ނެގޭނެ ކަމުގެ."
އުމުރުން 25 އަހަރުގެ ޖޫލީއަށް މުބާރާތް ކާމިޔާބު ކުރެވުމުގެ ފަހަތުގައި އެންމެ ބޮޑު ހިތްވަރެއް ދިން އެކަކީ އޭނާގެ ފިރިމީހާ އެވެ. ސައިކަލު ދުއްވަން ދަސްކޮށްދިނުމާއި އޭނާއަށް އެކަން ވާނެ ކަން ސިކުނޑިއަށް ލައިދީ ޔަގީންކޮށްދިނީ ވެސް ފިރިމީހާ އެވެ.
ކުރިއަށް އޮތް މުބާރާތަށް ޖޫލީ އިންތިޒާރުކުރަމުން އަންނައިރު އޭނާ ގަބޫލުކުރާ ގޮތުގައި، އަންހެނަކަށްވީތީ ކުރާހިތްވާ ކަމެއް ނުކޮށްދޫކޮށްލުން ރަނގަޅެއް ނޫނެވެ. ޝައުގުވެރިވާ ނަމަ، ކެރިގެން އެކަމަށް ކުރިމަތިލާން ޖެހެ އެވެ.
ވިލާ ކޮލެޖުން ނާސިން ދާއިރާއިން ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ޖޫލީގެ އުއްމީދަކީ ނާސިން ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ. ސްކޫލު ދައުރުގައި އެމްއެންޑީއެފަށް ވަންނަން ކެތްމަދުވެފައި ހުރި ނަމަވެސް މަންމަ ބުނެގެން ނާސިން ދާއިރާއިން ކިޔަވަން ފަށައި، ބަލި މީހުންނާ އެކު އުޅެން ފެށުމުން މާބޮޑަށް ވެސް މި ދާއިރާއަށް ހިތްޖެހުނީ އެވެ. އޭނާ ހުރީ އެއްގޮތަކަށް ވެސް މި ދާއިރާ ދޫކޮށްލުމުގެ ވިސްނުމަކު ނޫނެވެ.