އައްޑޫގެ ހާލަތު ރަނގަޅެއް ނުވޭ، އެކްޓިވް ކޭސްތައް 400 އާ ގާތަށް
އައްޑޫގެ ހާލަތު ރަނގަޅެއް ނުވޭ، އެކްޓިވް ކޭސްތައް 400 އާ ގާތަށް

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،400 އިން މައްޗަށް އަރައި، އެކްޓިވް ކޭސްތަކުގެ އަދަދު 380 އަށް އަރައިފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެގެން މި އަހަރުގެ މެދު ތެރޭގައި އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނައި ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުނުވާކަން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އައްޑޫން 2،476 މީހަކަށް މިހާތަނަށް ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 2،086 މީހަކު ބަލިން ރަނގަޅުވިއިރު އެކްޓިވް ކޭސްތައް ވަނީ 380 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ.

- ހިތަދޫ - 214

- މަރަދޫ - 46

- މަރަދޫ ފޭދޫގައި - 7

- ފޭދޫ - 60

- ހުޅުދޫ - 5

- މީދޫ - 43

- ގަން - 5

މޮނިޓަރިންގައި އޮންނަތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް އައްޑޫގެ ހާލަތު ރަނގަޅުވަމުން ނުދާއިރު އެ ރަށުން މިހާތަނަށް 10 މީހަކު ކޮވިޑްގައި ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެކަކީ ފުވައްމުލަކުން އައްޑޫ އަށް ގެންގޮސް ފަރުވާދިން މީހެކެވެ. ކޮވިޑްގައި އެންމެ ފަހުން އައްޑޫން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މަހު އެވެ. އެ މަހު ހަ މީހަކު މަރުވި އެވެ.

ކޮވިޑާ ގުޅިގެން އައްޑޫގައި ވަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އާ ހަމައަށް ކާފިއު ހިންގައިފަ އެވެ.