15 ނޮވެމްބަރ 2021 - 10:55

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މާލޭގައި ހިންގާ ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިި އެވެ.
ގެއްލިގެން ހޯދަނީ ޝަރީފުގެ އަންނައުނު ފިހާރައެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އަލް އަމީން ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ހޯދަމުން ދަނީ އިއްޔެއިން ފެށިގެންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ފަތިސް ނަމާދަށް ދިޔަ ފަހުން އެއްވެސް ހަބަރެއް ނުވެ އެވެ.
މިކަމާ ގުޅިގެން "މިހާރު"ން ގުޅުމުން ޝަރީފުގެ ބަހެއް ލިބޭ ގޮތެއް ނުވިޔަސް، ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އަލް އަމީން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެެ.
ޝަރީފު ވަނީ އަލް އަމީންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ހިއްސާ ކުރަން އެދިވަޑައިގެންފަ އެވެ. އަދި މައުލޫމާތު ދޭ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމެއް އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ.
އަލް އަމީނަކީ ގަވައިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް ކަމަށް ޝަރީފު ހިއްސާ ކުރި ނަމްބަރަށް ގުޅުމުން މައުލޫމާތު ދިނެވެ. އަދި އޭނާ ޝަރީފުގެ ފިހާރައިގައި މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވެދާނެ ކަމަށް ވެސް ބުންޏެވެ.