15 ނޮވެމްބަރ 2021 - 06:53

ސެވިއްޔާ (ނޮވެމްބަރު 15) - އަލްވާރޯ މޮރާޓާ ސްވިޑަން ކޮޅަށް ވައްދާލި ލަނޑުން، 1-0 އިން މޮޅުވެ ވޯލްޑް ކަޕުގެ ޖާގަ ސްޕެއިން އިން ކަށަވަރު ކޮށްފި އެވެ.

އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ ވެސް ވަނީ ރަޝިއާ ބަލިކޮށް ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ.
ސްޕެއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުވާން އޮތެވެ. އެކަމަކު ކޯޗް ލުއިސް އެންރީކޭ ބުނީ މެޗު އެއްވަރުކޮށްލަން އޭނާ ނުވިސްނާ ކަމަށެވެ. މެޗުގެ 86 ވަނަ މިނެޓްގައި މޮރާޓާ ލަނޑު ޖެހީ ޑެނީ އޮލްމޯ ފޮނުވާލި ބޯޅަ ގޯލް ދަނޑި އަށް އަމާޒުވެ ރީބައުންސަށް ނުކުތް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ސެވިއްޔާ ނިސްބަތްވާ ދަނޑުގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗަކުން ސްޕެއިން މިހާތަނަށް ބަލިވެފައެއް ނެތެވެ. ރޭގެ މެޗުގައި ވެސް އެ ޓީމަށް އެހިވާން ދަނޑުގައި 51،000 ސަޕޯޓަރުން ތިއްބެވެ. ސްވިޑެންގެ ފަރާތުން މާބޮޑު ޕްރެޝަރެއް ނުކުރެވުނެވެ. އެ ޓީމުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ވެސް ފޮނުވާލީ އެމީލް ފޯސްބާގް އެވެ.
ކްރޮއޭޝިއާ ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކުރީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ރަޝިއާގެ ފީޑޯ ކުޑްރިޔާޝޯވް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ވާރޭ ތެރޭގައި ކުޅެން ޖެހުނު މެޗު ކްރޮއޭޝިއާ ޑޮމިނޭޓް ކުރި އެވެ. ދަނޑު ތެމިފައި އޮތުމުގެ ސަބަބުން ގޯލް ޖަހަން އުނދަގޫވި އެވެ. ކްރޮއޭޝިއާގެ ހަމަލާތައް ހުއްޓުވުމުގައި ރަޝިއާގެ ކީޕަރު މަޓްވޭ ސްޓޯނޯފް އަދާކުރި ދައުރު މާބޮޑެވެ.
ކޮލިފައިވުމަށް އެންމެ ޕޮއިންޓަކުން ވެސް ރަޝިއާ އަށް ފުއްދާލެވުނީހެވެ. އެ ޓީމުން ކުޅެމުން ދިޔައީ މެޗު އެއްވަރުކޮށްލުމުގެ ވިސްނުމެއްގަ އެވެ. މުޅި ޓީމު ފަހަތުގައި ތިބެގެން ޑިފެންސް ކުރަމުން ރަޝިއާ މަސައްކަތް ކުރީ ނަތީޖާ ހިފެހެއްޓުމަށެވެ. އެކަމަކު ރަޝިއާގެ އުންމީދުތައް ފަނޑުވީ އަމިއްލަ ޓީމުގެ ޑިފެންޑަރު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ރަޝިއާ ދެން އިންތިޒާރު ކުރަން ޖެހޭނީ ޕްލޭއޮފް ބުރަށެވެ. ޕްލޭއޮފް އޮންނާނީ އަންނަ އަހަރު މާޗް މަހު އެވެ.