09 ޑިސެމްބަރ 2016 - 06:46

މަތިންދާބޯޓެއް ހައިޖެކްކޮށްފި ކަމަށް ބުނެފި ނަމަ ވިސްނަންވީ ގޮތަކީ މިއީ އެވެ. ޕައިލެޓަށާއި ފަޅުވެރިންނަށް ބިރުދައްކައި، ވަކި ދިމާއަކަށް ބޯޓު ގެންދިއުމަށް ބަޔަކު މަސައްކަތްކުރަނީ އެވެ. ނުވަތަ އެ ބަަޔަކު ބޭނުން ކަމެއް ކުރުވުމަށްޓަކައި، ބޯޓުގައި ތިބ ދަތުރުވެރިން އިންސާނީ އައްޑަނައެއް ގޮތުގައި ބޭނުންހިފަނީ އެވެ.
ޑްރޯންޖެކިން ނުވަތަ ޑްރޯން ވަގަށް ނެގުމަކީ ހެކަރުން ހޯދަމުން އަންނަ ޒަމާނީ ތަރައްގީ އެވެ. މަތިންދާބޯޓެއް ހައިޖެކްކުރުމާއި، ޑްރޯންޖެކްކުރުމުގައި ތަފާތުތަކެއް ހުރި ނަމަވެސް ސިފަކުރެވެނީ ދާދި އެއް މަންޒަރެކެވެ. ޑްރޯންޖެކްކުރުމުގައި ހިމެނޭ ގެއްލުން ނިސްބަތުން ކުޑަ ނަމަވެސް އެއީ ބޮޑު ބިރެއް ގޮތުގައި ނުހިމަނައި ވާކަށް ނެތެވެ.
މާލޭގައި އުޅޭ ޒުވާނަކު ވިލިމާލޭގައި އުޅޭ ރައްޓެއްސަކަށް ޑްރޯން މެދުވެރިކޮށް ބަތް ޕާރުސަލެއް ފޮނުވި ވާހަކަ އަޑުއެހިން ހެއްޔެވެ؟ މާލެއިން ފުރައިގެން ޑްރޯން ވިލިމާލެ އަށް ދަތުރުކުރުމަށްޓަކައި ކަނޑު ހުރަސްކުރަންޖެހެ އެވެ. ގޮތް ނޭނގޭ ބައެއްގެ ބާރުދަށަށް ޑްރޯން ގެންގޮސް ބަތް ޕާރުސަލް ކާލި ނަމަ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ؟ ތަން މިނަށް ލޯ ހުޅުވައިގެން ތިބި ހެކަރުން މިހާރު ކުރާ ކަމަކީ އެއީ އެވެ.
ބާރުގަދަ ގައުމުތަކުގައި "ޑްރޯން ޑެލިވަރީ" ވަރަށް މަޝްހޫރެވެ. އެމޭޒަން އޮންލައިން އާއި ޔޫއެސްޕީއެސް އަދި ޑީއެޗްލެއް ފަދަ ކުންފުނިތަކުން ވެސް ޕާރުސަލް ރައްދުކުރުމަށް މިހާރު ޑްރޯން ބޭނުންކުރެ އެވެ.
ސެކިޔުރިޓީ މާހިރުން ބުނާ ގޮތުގައި ހެކަރުންގެ ކިބައިން އުފެއްދިން ދެން އަންނަން އޮތް ބިރަކީ ޑްރޯންޖެކިން އެވެ. އެ މީހުން ޑްރޯން ވަގަށް ނެގުމުގުގައި ބޭނުންތަކެއް އެބަ ހުއްޓެވެ. އެއް ބޭނުމަކީ ޕާރުސަލުގައި ހިމެނޭ މުދަލަށް ބޭނުންވުމެވެ. އަނެއް ބޭނުންމަކީ ޑްރޯންގައި ބޭނުންކުރާ "ހައިޑެފިނީޝަން" ކެމެރާ އާއި "ޖިއޯލޮކޭޝަން" ޓެކްނޮލޮޖީ އެވެ.
ޑްރޯން މެދުވެރިކޮށް ޑީއެޗްއެލް އިން އަގު ބޮޑު މުދާ އުފުލަ އެވެ. އެމޭޒަނުން ވެސް އެހާ އަގު ބޮޑު ޕާރުސަލްތައް ކަސްޓަމަރުންނަށް ފޮނުވަ އެވެ. ޑެލިވަރީ ބޭނުންތަކަށް އުފައްދާ ޑްރޯން އުފައްދަނީ ވެސް ސަހަލު އަގެއްގައެއް ނޫނެވެ. ޑްރޯން ދަތުރުކުރާ މަގު އޮޅުވާލައި ކޮންމެވެސް އެހެން ދިމާއަކަށް ގެންގޮސް ތަނަކަށް ހަމަލާއެއް ދިނުމަކީ ވެސް ނުވާނެ ކަމެއް ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ.