08 ޑިސެމްބަރ 2016 - 11:14

ޒިއުރިކް (ޑިސެމްބަރު 8) – ތިން ޓީމު ހިމެނޭ 16 ގްރޫޕާ އެކު 48 ޓީމަށް ފުރުސަތު ދީގެން ވޯލްޑް ކަޕް ބާއްވަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވައިފި އެވެ.
ވޯލްޑް ކަޕުގައި މިހާރު 32 ޓީމު ވާދަކުރާއިރު ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު ދެ ވަނަ ބުރަށް ހޮވޭއިރު ދެ ވަނަ ބުރާ ހަމައިން ކުޅެނީ ނޮކްއައުޓް އުސޫލުންނެވެ.
އިންފަންޓީނޯގެ ޕްލޭނުގައިވާ ގޮތުގައި ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ލިބޭނެ އެވެ. އަދި ތިން ޓީމު ހިމެނޭ 16 ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕަކުން ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ދެ ޓީމެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ފީފާގެ ކައުންސިލް ބައްދަލުވުމެއްގައި މިކަމާ ބެހޭގޮތުން މަޝްވަރާކުރާނެ އެވެ. އަދި މިގޮތަށް ފާސްވިޔަސް އެންމެ އަވަހަށް ވެސް މި ބަދަލް ގެންނާނެ ކަމަށް ބެލެވެނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައިންނެވެ.
އިންފަންޓީނޯ ވަނީ 48 ޓީމުގެ ވޯލްޑް ކަޕް ކުރިއަށްގެންދާނެ އިތުރު ޕްލޭނެއް ވެސް އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އޮޓޮމެޓިކުން 16 ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުމަށް ފަހު ބާކީ 32 ޓީމުގެ މެދުގައި ނޮކްއައުޓް ބުރެއް ކުޅުމަށް ފަހު ހޮވޭ 16 ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުން ހިމެނެ އެވެ.
އިންފަންޓީނޯ ވިދާޅުވީ ގިނަ ގައުމުތަކެއްގައި ފުޓްބޯޅަ ކުރިއެރުވޭނީ، ގިނަ ގައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ދީގެން ކަމަށާއި ޔޫރޯ އަދި ކޮޕާ އެމެރިކާ އިން ވެސް އެކަންކޮށްފައިވާ ކަމަށެވެ. ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރުމާ އެކު ވޭލްސް އާއި އައިސްލެންޑް ފަދަ ގައުމުތައް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
"ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބަލާއިރު، ގިނަ ގައުމެއްތަކަށް ފުރުސަތު ދީގެން ރަނގަޅުވާނީ. އެކަމަކު އެންމެ ފުރަތަމަ އަހަރެމެން ކުޅުންތެރިންނާއި ކްލަބްތަކާއި ލީގުތަކާއި އެސޯސިއޭޝަންތައް އަދި ސްޕޮންސަރުންނާ އެކު މަޝްވަރާކުރާނީ. އޭގެ ފަހުން އިތުރުކުރުމާ މެދު ގޮތެއް ނިންމާނީ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ޔުއެފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރުމާ އެކު އެ މުބާރާތް ފޯރިގަދަވެ ވާދަވެރިކަން ބޮޑުވެފައިވާ ކަމަށެވެ.
"ވޯލްޑް ކަޕަކީ މުބާރާތަކަށް ވުރެ ބޮޑަށް، އިޖްތިމާއީ ހަރަކާތެއް. އެހެންވެ ވީހާ ވެސް ގިނަ ގައުމެއް ބައިވެރިކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.