06 ޖޫން 2016 - 08:40

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއޮތީ ވަރަށް ނިކަމެތި ހާލެއްގައެވެ. ދިވެހިން ކެއީ ބިންބި އާއި ކުދިބަތާއި، ދޮނަޅަ އާއި ޒުވާރިއެވެ. ހިތިފުށާއި، ފީ ފުށާއި، ފަޑުއްކަ ހަނޑުލެވެ. ހިއްކި ކޭލާއި، ކަނޑުލެވެ. ކޮންމެކޮންމެ މީހަކަށް ބިންބި ފުށްޑިޔަފޮދެއް ވެސް ނުލިބެއެވެ. ހަނދާންވާ ގޮތުގައި އަހަރެންގެ އުމުރުން އޭރު ދިހަވަރަކަށް އަހަރެވެ. ހުންނަލެއް ބަލިކަށިކަމުން އަހަންނަކަށް މާ ބޮޑު މަސައްކަތެއް ނުކުރެވެއެވެ. އެކަމަކު، ހައިހޫނުކަން ގޮސްފައިވާ ހިސާބުން، ކުރެވޭ ވަރުގެ މަސައްކަތްތައް އަހަރެން ވެސް ކުރަންޖެހެއެވެ.
ދުވަހަކީ ހޫނު ގަދަ ދުވަހެކެވެ. އަހަރެންގެ ގެ ވަރަށް ބޮޑެވެ. ގޯތި ފުރެންދެން އޮންނަނީ ގަސް އިންދައިފައެވެ. މުޅީން ވެސް މޭވާ އާއި ތަރުކާރީ އަޅާ ގަސްގަހެވެ. ދަނޑިއަލުތްވާއި އަނބެވެ. ބަނބުކޭލާއި، ފެންފޯއް ރުކާއި، ދިވެހި ރުކެވެ. ދޮންވެ ފައްކާވެފައިވާ ޒުވާރި ކުރާގަނޑުތައް ނުކުމެފައި ނުހުންނަ ދުވަސްވަރެއް ނާދެއެވެ.
"ދަރިފުޅާ ދޭބަލަ ޒުވާރިކޮޅެއް ހިފައިގެން އަންނަން." މަންމަ ގޮވައިލި އަޑު އިވުނެވެ.
ފެންބޯން ބޭނުންކުރަނީ މިލްކްމޭޑް ގެރިކިރު ހުސްކުރި ދަޅެވެ. އޭގެ އާ ދަޅަކުން ފެންބޯއިރު ފެނުގެ ރަހަ ވަރަށް މީރެވެ. ދެ ދަޅު ފެންބޯލައިގެން އަހަރެން ދުއްވައިގަތީމެވެ. އިސްކޮޅަށް ވުރެ މައްޗަށް ހެދިފައިވާ ޒުވާރިގަސްތަކުގެ ތެރެއަށް ވަދެ ފުރަތަމަ ކުރާގަނޑުގައި ހިފީމެވެ. ކުއްލިއަކަށް އަހަރެން ހުރަސްކޮށްފައި ކޮންމެވެސް އެއްޗެއް ދިޔަހެން ހީވިއެވެ. ވިސްނަން ހުރެލައިފައި އަނެއްކާ ވެސް ޒުވާރި ކުރާގަނޑުގައި ހިފީމެވެ.
"އޭތް!" އަހަރެންގެ ފުރަގަހުން އިވުނީ އަހަރެން އުމުރުގެ ކުއްޖެއްގެ އަޑެވެ.
ފަހަތް ބަލައިލިއިރު ފިރިހެންކުއްޖަކު ހުއްޓެވެ. އަހަރެން ފަދައިން އޭނަ ވެސް ލައިގެން ހުރީ މުންޑެއް އެކަންޏެވެ. ތަފާތަކީ، އަހަރެންގެ މުންޑުގައި ފޮތިއަޅައިފާ ތަންތަން ގިނަވެފައި، އޭނަގެ މުންޑު އާ ކަމެވެ. ދެ އަތުގައި ދެ ޒުވާރި ކުރާގަނޑު އޮތެވެ.
"ކާކު ހުއްދަ ދިނީ ޒުވާރި ބިންނަން؟" އޭނަ ކުރީ ހަރުކަށި ސުވާލެކެވެ.
"ކަލެއަށް ކީއް؟" އަހަރެން ވެސް އެހާ ހަރުކަށިކޮށް ބުނީމެވެ. "ކަލޭ ދޭބަލަ ކަލޭގެ ގެއަށް."
"މީ މަގޭ ގެ!" ބިންމަތީގައި ފައިން ޖަހައިފައި އޭނަ ބުންޏެވެ.
ރަތްދަކައަވީގައި ހުރެގެން ޒުވާބުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން، ޒުވާރި ބިންނަން ފެށީމެވެ. އަހަންނަށް ކެނޑުނީ އެންމެ ކުރާގަނޑެކެވެ. ހީވީ، އަހަރެންގެ ކަންފަތް ކައިރީގައި މީހަކު ވަރަށް ބާރަށް އިލޮށްޓެއް ހޫރައިލިހެންނެވެ. އިވުނީ އެ ކަހަލަ އަޑެކެވެ. އެ ތަނުގައި ހުރި ޒުވާރިގަސްތަކުގެ ފަތްތައް ބުރުއްސައިގެންދިޔައެވެ. ސިއްސައިގެން ގޮސްފައި ބަލައިލިއިރު އެ ކުއްޖާއެއް ނެތެވެ. ދުވެފައި އަހަރެން ދިޔައީ މަންމަ ގާތަށެވެ. ދެ ފައި ތުރުތުރުއަޅާ ވަރުން ކޮޅަށް ހުރެވުނީ ކިރިޔާއެވެ. މަންމަ ގަބޫލެއްނުކުރިއެވެ.
ވިއްސާރަ މޫސުން އައެވެ. މަގުތަކުގައި ފެން ބޮޑުވިއެވެ. ވާރޭ ހިޔާވާން ގެންގުޅެނީ އަލަފަތާއި ކެޔޮފަތު ކުޑައެވެ. ކުދިން ކިހިލިޖަހައިގެން، އަލަފަތު ކުޑައިން ވާރޭ ހިޔާކޮށްގެން މަގުހިނގާ ކިތަންމެ ބަޔަކު ވަޅުތަކަށް ވެއްޓެއެވެ. ވާރޭވެހި ފެންގަނޑު ހިނދުމުން މަގުތަކުގައި އޮންނަނީ ބޮޑެތި އަލަފަތާއި ކެޔޮފަތްތަކެވެ. ގަލާއި ލަކުޑި ވެސް ހުރެއެވެ. އެހެންނަމަވެސް، އެ ފެންގަނޑުގައި އަހަރުމެން ކުޅެ މަޖާކުރަމެވެ.
އެއްދުވަހަކު، އަހަރުމެން ނުދަންނަ ކުއްޖަކު އަހަރުމެންނާ ބައިވެރިވެގެން އުޅޭކަން ފާހަގަވިއެވެ. ފެންގަނޑު އަޑީގައި ހުރި އަލަފަތްތަކަށް ފައިންއެރިގެން އަހަރުމެން ވެއްޓޭއިރު ވެސް، އޭނައެއް ނުވެއްޓެއެވެ. އެ ކަން ފާހަގަ ކުރެވުނީ އަހަންނަށެވެ. އޭނަގެ ފައި ފެންގަނޑަކު ނުޖެހެއެވެ. އަހަރެން ބިރުގަންނަން ފެށީ އެ ހިސާބުންނެވެ. ފޯރި އެންމެ ގަދަވި ވަގުތު އަހަރެން އެ ތަނުން ފިލީއެވެ. އެކަކު ގާތުގައި ވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ.
ވައި ބާރުވުމުން ކުދިވެރީން ރޭގަނޑު ބޭރަށް ނުކުމެ އަނބާއި ބަނބުކެޔޮ ހޮވައެވެ. އެންމެ ގިނައިން އަނބާއި ބަނބުކެޔޮ ހެދިފައި ހުންނަނީ މައްޗަންގޮޅި އާއި މާފަންނުގައެވެ. ހެންވޭރާއި ގަލޮޅުގައި ވެސް ވަރަށް ގިނަ ގޭގޭގައި އެ ފަދަ ގަސްތައް ހުރެއެވެ. ރަށްދެބައި މަގުން ފެށިގެން ކާޅު ގުއިރޭ މަގާ ދެމެދުގައި، އެ ފަދަ ގަސްތައް އާދަޔާޚިލާފަށް ގިނައެވެ. ރައްޓެހިކުދީން އަނބު ހޮވާލެއް ގިނަކަމުން އަހަރެން ވެސް ހުރީ ނުކުމެލަން ބޭނުންވެފައެވެ.
ދުވަހެއްގެ އިރު އޮއްސުނު ވަގުތެވެ. ނާބަޖެހުމާއެކު ކޮއްކޮމެން ގޭތެރެއަށް ވައްދައި ދޮރު ލެއްޕިއެވެ. ނާބައަކީ، ނާބުސްޙާނުން ޖަހައިއުޅުނު ބެރެކެވެ. އިރު އޮއްސުނުކަން އަންގައިދިނުމުގެ ގޮތުންނެވެ. ބައެއް މަސްމަހަށް ހަނދުބެލުމުން ވެސް މި ބެރު ޖަހައެވެ. ދެ ޚިޔާލެއްގައި އަހަރެން ހުއްޓައި ދަންބެރުޖެހިއެވެ. އެއީ ރޭގަނޑު އެގާރަޖެހިކަން އަންގާ ބެރެކެވެ. ދަންބެރު ޖެހުމަށް ފަހު ގެއިން ބޭރަށް ނުކުމެވޭނީ، އަވަށުވެރި ގެއިން ހުއްދައެއް ލިބިގެންނެވެ. ރޭގަނޑު އެގާރައިގެ ފަހުން އާންމުކޮށް މަގުތަކުގައި އުޅޭނީ، އަވަށުގައި ތިބޭ "ހިނގާމީހުންނާއި" ސިފައިންނެވެ. މީހަކާ މެދު އެ އިން މީހަކަށް ޝައްކުވެއްޖެ ނަމަ، ބަންދު ވެސް ކުރެއެވެ. އަހަރެން އުޅުނީ ނިދާށެވެ. ނިދާ ގަޑީގައި މަދިރި އާއި ސެއްޅީގެ އުނދަގޫ ވަރަށް ބޮޑެވެ. މަދިރި ދުންދަނޑިއެއް ނުހުރެއެވެ. ނިދަންވީމައި ބާފޮތިގަނޑެއްގައި ރޯކޮށްގެން ގޭތެރެއަށް ދުންބުރުވަނީއެވެ. މަދިރި ހުސްވާ ދަނޑިވަޅު ބަލައިފައި އެނދަށް އަރައި މަދިރިގެ ޖަހަނީއެވެ. އެ ރޭ ވެސް ބައްޕަ އެހެން ހެދިއެވެ. ނިދަނީ ރޯނުފުރި އެނދާއި، ބޮޑުއަށްޓާއި ކުޑައަށީގައެވެ. އެނދަކީ ތަތްމަކުނުގެ ހާއްޔެކެވެ. އަހަންނަށް ނުނިދުނީ އެ ކަމާ ހެދިއެވެ. އެންމެ ފަހުން ތެދުވީމެވެ. ސިއްރުސިއްރުން ނުކުތީމެވެ. ވަރަށް އަނދިރި ރެއެކެވެ. ވައި ބާރެވެ. އަހަރެން ދިޔައީ އެންމެ ބޮޑު އަނބުގަސް ހުރި ދިމާއަށެވެ.
"ކޮންތާކަށް ތި ދަނީ؟" އަހަންނަށް އިވުނީ މަންމަގެ އަޑެވެ.
އެ ދަންވަރު މަންމަ ނުކުމެ އުޅެނީ ކީއްކުރަންބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަނދިރިކަމުން މީހަކު ނުފެނެއެވެ.
"ދޭ ގެއަށް!" މަންމަގެ އަޑު އިވުނެވެ. "މަންމަ މި ދަނީ އަނބު ހިފައިގެން."
އަހަރެން ގެއަށް އައީމެވެ. ހެނދުނުވީއިރު، ދޮން އަނބު އަޅައި ފުރައިފައި ހުރި ތެއްޔެއް އަހަރެންގެ އެނދު ކައިރީގައި ހުއްޓެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ އެ އަނބުތައް އައި ގޮތަކާ މެދު މަންމަ ސުވާލުކުރީމައެވެ. ނުކުތުން މަނާ ގަޑިއެއްގައި އަހަންނަށް ނުކުމެވުނީތީ މަންމަޔާ ސުވާލު ކުރާކަށް ނުކެރުނެވެ. އޭގެ ފަހުން، ގަސްތަކުތެރޭގައި ކުޅެންއިންނަހިތް އަހަރެން ވާންފެށިއެވެ. ކިތަންމެ އަވި ބާރަސްވެހެވެ.
ރާއްޖޭގެ ވިޔަފާރި އެ ދުވަސްވަރު އޮތީ ވޯރާ ވިޔަފާރިވެރީންގެ އަތްމަތީގައެވެ. އެ މީހުންގެ ފިހާރަތަކުން ކުލަ ގަނެ، އަންނަ ފޮތީގައި ކުލަޖައްސައި، އެ އިން ގަމީހާއި، ލިބާހާއި، ކުޑަކުދީންގެ ހެދުން ފަހައެވެ. ފަހާފޮށްޓެއް ނުހުރެއެވެ. ހެދުން ފަހަނީ އަތުން ފަހާ ތިނޯހުންނެވެ. މަންމަ ތިނޯސް ގެއްލުވައިލިއެވެ. އެ ހޯދަން އަހަންނާ ހަވާލުކުރިއެވެ. އެކައްޗެއް ހާވައިފައި އަނެކައްޗެއް ހާވައިފައި އަހަރެން އުޅުނީމެވެ.
"މި ތަ ތި ހޯދަނީ؟" އެއް ފަހަރު އިވިފައިވާ އަޑެއް އަހަންނަށް އިވުނެވެ.
ހަމަ އެ ކުއްޖާއެވެ. ބަދަލުވެފައި ހުރީ މުންޑުގެ ކުލައެވެ. އޭނަ ހުރީ އަހަންނަށް ތިނޯސް ދިއްކޮށްލައިގެންނެވެ. އެ ކުއްޖާއަށް ރަނގަޅަށް ބަލައިލެވުނީ އެ ދުވަހުއެވެ. އޭނަގެ ކަންފަތް ތަންކޮޅެއް ދިގެވެ. ދެ ލޮލުގެ ކަޅި ހުންނަނީ ބުޅަލުގެ ކަޅި ހުންނަހެންނެވެ. ކުޑަކޮށް ކޮރައިލައިގެން ހުންނަހެން ހީވެއެވެ. އެ ވަރު ކުއްޖެއްގެ ހުންނަން ނުވާ ވަރަށް އަތުގައި އިސްތަށި ހުއްޓެވެ.
"ކާކުތަ ތީ!" ތިނޯހުގައި ހިފަމުން އަހަރެން ބުނީމެވެ. "ކޮން ގެއެއްގަ އުޅެނީ؟"
"މި ގޭގަ!" އޭނަ ތަޅުންގަނޑުގައި ފައިން ޖަހައިފައި ބުންޏެވެ. "އަހަރުމެން މި ތާ އުޅެނިކޮށް ކަލޭމެން އައީ. ބައްޕަ ބުނީ ކަލޭމެން ގާތުގަ ބުނާށޯ ކަންޏާ އަމިއްލައަށް ޒުވާރި އިންދާށޭ."
"އެއީ އަހަރުމެން އިންދި ގަސްތަކެއް." އަހަރެން ބުނީމެވެ.
"ކަލޭމެން އިންދި ގަސްތައް މަރުވީ،" ނޫނެކޭ ބުނުމުގެ ގޮތުން ދެ އަތަކަށް ބޯ ހޯރައިލައިފައި އޭނަ ބުންޏެވެ. "އެ ގަސްތައް އިންދީ އަހަރުމެން."
"ކާކާ ތި ވާހަކަދައްކަނީ؟" ބޭބެ ސުވާލުކުރި އަޑު އިވުނެވެ.
ބޭބެއަށް ބަލައިލައިފައި ދެން ބަލައިލިއިރު އެ ކުއްޖާއެއް ނެތެވެ. އަހަރެން ހީކުރީ އޭނަ ދުވެފައި ދިޔައީކަމަށެވެ. އަހަރުމެން ތިބީ ފެންޑާގައެވެ.
އެ ދުވަސްވަރު ބޮޑުކަމުދަނީ ހަނޑަސްބުރީގައި ކުރެދިގަނޑަކުން ވަޅުޖަހައިގެންނެވެ. ބައެއް ފަހަރު ދެތިންތަނަށް ވަޅުޖަހައިގެން ނޫނީ ވަޅެއް ނުލިބެއެވެ. އެ އަށް ވުރެ ބޮޑު މައްސަލައަކީ ރޭގަނޑު ގެންދަންޖެހޭ ފުޅިބައްތިއެވެ. ނުވެސް އެނގި ހުއްޓައި ނިވެއެވެ. ވަރަށް ވިސްނައިގެން ބައްތި ހިފައިގެން އަހަރެން ގިފިއްޔަށް ވަނީމެވެ. ނޭނގޭ ސަބަބަކާ ހެދި އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ. ގިފިލީގައި ގިނަ އަދަދަކަށް ފަތްކެޔޮ އިންދައިފައި ހުރެއެވެ. ގަހަކުން ފަތެއް ހެލިލިޔަސް ހީވާނީ ބިރުވެރި އެއްޗެއް ހެންނެވެ. ވަޅުޖަހައި ނިންމައިފައި އިށީން ވަގުތު، ފަތްކެޔޮގަސްތައް ހެލިގަތެވެ. ބޮޑުކަމުދިއުން ވަގުތުން މަނާވިއެވެ. ގާވެފައި ބަލަހައްޓައިގެން އިންދައި، ފުޅިބައްތީގެ އައްޔަށް ނުކުތީ ހަތަރެސްފައި ޖެހި ޖަނަވާރެކެވެ. ބޯ ވައްތަރީ ބުޅަލަކާއެވެ. ހަށިގަނޑު ހީވަނީ ގެރިއެއްހެންނެވެ. ފައިތައް ހުރީ ބޮނޑެއްގެ ފައިތައް ހުންނަހެންނެވެ. ހަޅޭއްލަވައިގެންފައި ބައްތި ހިފައިގެން ދުއްވައިގަތް ވަގުތު، ބައްތި ތުންގަނޑުން ތެޔޮއަރައިގެން ބައްތީގައި ހުޅުހިފިއެވެ. ބައްތި ދޫކޮށްލައިފައި އަހަރެން ނުކުތީއެވެ. އެ ރޭ ވަރަށް ގަދަޔަށް ހުންއައެވެ.
ތިން ރޭ ވީއިރު ވެސް އަހަރެންގެ ހުން މަޑެއް ނުވިއެވެ. ފަންޑިތަހަދާ މީހަކު ގެނައެވެ. އޭނަ ބުނި ގޮތުގައި އެއީ ގަސްކޮޅު ހަންޑިއެވެ. ދިރިއުޅޭނީ ގަހުގައެވެ. ގަޔާވާ ކަހަލަ ގަހެއް ފެންނައިރަށް ވެރިކޮށްލައެވެ. އެ އަށް ފަހު އެހެން މީހަކު އެ ގަހާ ކައިރިވާ ނަމަ، އިންޒާރު ދޭނެއެވެ. ގޯނާ ވެސް ކުރާނެއެވެ. ބައެއްފަހަރު، އެކި ސިފަސިފައިގައި އައިސް ބިރުގަންނަވާނެއެވެ. އަނެއްބައި ފަހަރު އެކުގައި ކުޅެ މަޖާކުރާނެއެވެ. އޭގެ ހަންޑިއެއް އަހަންނާ އަވަލެވީއެވެ. ފަންޑިތަވެރިޔާ އަހަންނަށް ދިނީ ފެންތަށްޓެކެވެ. އެ ފެންބުއި ފަހުން އެ ހަންޑިއެއް ވެސް ނުވަތަ އެ ކަހަލަ ރޫޙާނީ އެއްޗެއްގެ އެއްވެސް އުނދަގުލެއް އަހަންނަކަށް ނުވެއެވެ. (ނިމުނީ)