14 ނޮވެމްބަރ 2021 - 14:16

ރިސޯޓު ހަދަން ރަށްތައް ދޫކޮށްގެން އާމްދަނީ ހޯދަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ވިޔަސް، އެ އާމްދަނީ ނުލިބި ހިނގައިދާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ރިސޯޓު ހަދަން ރަށްތައް ބިޑަށް ހުށަހެޅުމުގައި ކުރީ އަހަރުތަކުގައި ވެސް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ލަފާގައި ނިއު ރިސޯޓު އައިލެންޑްތަކުގައި ޗެލެންޖަންސް ހުރިކަން ހުންނާނީ ފާހަގަކޮށްފައި. ކުރީ އަހަރު ވެސް ރަށްތައް ބިޑަށް ލުމުގައި ގޮންޖެހުންތަކެއް ހުރި. ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ ލަފާގައި އެކަންކަން ފާހަގަކުރިން،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި ބަޖެޓުގައި ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް 12 ރަށެއް ހުޅުވައިލައިގެން 148 މިލިއަން ރުފިޔާ ހޯދަން ހިމަނަފައިވެ އެވެ. ބަޖެޓުގައިވާ ގޮތުން މިގޮތަށް ދޫކުރާ ރަށްތަކުގެ އެކުއިޒިޝަން ފީއެއްގެ ގޮތުގައި ހަތް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ނަގާނެ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ އަހަރު ހުޅުވާލާ ގިނަ ރަށްތަކަކީ ކުދި އަދި އިންވެސްޓްމެންޓް ޑިމާންޑް ވެސް ދަށް ރަށްތަކެއް ކަމަށެވެ. އެހެންވެ އެ ރަށްތަކުގެ އެކުއިޒިޝަން ފީ ވެސް ކުރީގެ ރޭޓްތަކަށް ވުރެ ކުޑަވާނެ ކަމަށް ބުނެފައިވެ އެވެ.
ރިސޯޓް ތަރައްގީ ކުރަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް 16 ފަރާތަކަށް 23 ރަށެއް ދޫކުރަން ހުޅުވާލި އެވެ. އެހެން ނަމަވެސް ރިސޯޓު ހަދަން ދޫކޮށްފައި ވަނީ އެންމެ ރަށެކެވެ. އެ ރަށް ދޫކޮށްފައިވަނީ ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރަށެވެ.