ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލާގައި ސީޕީއާ ބައްދަލެއް ނުވި: އިދިކޮޅު
ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލާގައި ސީޕީއާ ބައްދަލެއް ނުވި: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނޭ ތިން ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކުގެ މައްސަލަގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލުކުރަން އުޅެ އެކަން ނުވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.

އޯޑިއޯ މައްސަލާގައި ޕީޕީއެމް އާއި ޕީއެންސީގެ ލީޑަޝިޕުން މިއަދު ވަނީ ފުލުހުންގެ މައި މަރުކަޒު، ހުސެއިން އާދަމް ބިލްޑިންގަށް ގޮސްފަ އެވެ. މިއީ އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން މިގޮތަށް ފުލުސް އޮފީހަށް ދިޔަ ތިން ވަނަ ފަހަރެވެ.

ހުސެން އާދަމް ބިލްޑިންގުން ނުކުމެވަޑައިގެން މިޑިއާތަކާ ބައްދަލުކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ ބައްދަލުކުރަން މީގެ ދެ ހަފްތާ ކުރިންނާއި އިއްޔެ ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

މިއަދު ފުލުސް އޮފީހަށް ދިޔައިރު ޕޮލިސް ކޮމިޝަނަރު ވަނީ އިންޑިއާ އަށް ވަޑައިގެންފައި ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ މިއީ "އިންޑިޔާ އައުޓް" މުޒާހަރާއާ ގުޅިގެން "އިންޑިއާ އަށް ހާޒިރުކުރުން" ކަމަށް ސިފަކުރައްވައިފަ އެވެ.

"ސީޕީ އާއި [ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ] ޝަމާލް ވެސް އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބުނީ،" އަދުރޭ ވިދާޅުވި އެވެ.

މަނީ ލޯންޑަރިން މައްސަލާގައި ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ހުކުމަކާ ހަމަޔަށް ގޮސްފައިވާއިރު އޯޑިއޯތަކުގެ ހަގީގަތް އަދިވެސް ނޭނގި އޮތުމަކީ ބޮޑު އަނިޔާއެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޯޑިއޯތައް ބޭރު ފަރާތްތަކާ ހަވާލުކޮށްގެން ތަހުލީލު ކުރުމަށް އެދިފައިވާ ކަމަށާއި ފަނޑިޔާރުންގެ އަޑުގެ ސާމްޕަލްތަކާ އެކީ ބޭރަށް ފޮނުވާފައިވާ ކަމަށް ޑީސީޕީ އަބްދުލް މަންނާން ވިދާޅުވި ކަމަށާއި ނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދީފައިވާ މައުލޫމާތުތަކާ ހަވާލާދީ އެ ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާ ކަމަށެވެ.

އޯޑިއޯތަކާ ދިމާ ވަނީ ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އަޑު ކަމަށާއި ނަމަވެސް އެ ވާހަކަތައް ވެސް ހުރީ ޓެމްޕާކޮށް ބަދަލުކޮށްފައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭގޮތަށް އާންމުވި އޯޑިއޯގެ އަޑާއި ފާއިޒުގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑު ވެސް ކޮށްފަ އެވެ.