14 ނޮވެމްބަރ 2021 - 13:06

ރ. އަތޮޅު ފަޅުރަށަކުން 215 ކިލޯގެ ޑްރަގް ހޯދައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ފޯނުން ތަހުގީގަށް ލިބުނު އިތުރު ހެކިތަކާ އެކު އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު 215 ކިލޯގެ ހެރޮއިން ހޯދީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރާނބުގަލިންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސާއި އެރަށު ފިނިފަރު، އަލީ ޝާކިރުގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ ދެ މީހުން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
އެ މީހުންގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުރި ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާންތަކާއި ލޯންޗުން ފެނުނު ފޯނުތަކުގެ އެކްސްޓްރެކްޝަން ރިޕޯޓާއި އެ ދެ މީހުންގެ ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓު ހިމެނެ އެވެ.
ދެ މީހުން ތިބި ލޯންޗުން ފެނުނު ސެޓެލައިޓް ފޯނެއްގައި ރާއްޖޭ ސަރަހައްދުން ބޭރަށް ދިޔަކަން އެނގޭ މެސެޖުތައް ހުރި ކަމަށް ފުލުހުން މީގެ ކުރިން ކޯޓުގައި ބުނެފައިވެ އެވެ.
މި ތަކެއްޗަކީ ކަނޑުމަތިން ބޭރުގެ އުޅަނދަކުން ލޯޑުކޮށްގެން ފަޅުރަކަށަށް ގެންދިޔަ ތަކެތި ކަމަށް ތުހުމަތު ކުރެވެ އެވެ. އެ މީހުން އެ ތަކެތި ލޯންޗަށް އެރުވީ އަތޮޅުން ބޭރަށް ދިގު ދަތުރެއް ކޮށްފައި ކަމަށާއި އެ ދަތުރު ކުރަން ބޭނުން ކުރި ޕެޓްރޯލު ހަންތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެހެން އުޅަނދެއް ކައިރި ކުރި ކަމުގެ ނިޝާން އެ ދެ މީހުން ދަތުރު ކުރި ލޯންޗުން ފެނިފައިވާ ކަމަށް ވެ އެވެ. އެއީ އެ ލޯންޗުގެ ގެގަނޑަށް ލިބިފައި ހުރި ގެއްލުމަކުންނެވެ.
ތުހުމަތުކުރެވޭ ދެ މީހުން ކުށަށް އިންކާރުކޮށްފައި ވާއިރު އެ ދެ މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ދިފާއީ ވަކީލުން ތުހުމަތު ކުރެ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ވެރިޔާ އަހުމަދު ޝާކިރު "މިހާރު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، މި މައްސަލައިގައި ފެނުނު ޑްރަގަކީ ރާއްޖޭގައި ބެހެއްޓުމަށް ފަހު އެހެން ގައުމަކަށް ގެންދިޔުމަށް މަސައްކަތްކުރި ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.
މި 215 ކިލޯގެ ޑްރަގްސް އަކީ ފަހުގެ ތާރީހެއްގައި އެއްފަހަރާ ރާއްޖޭން އެންމެ ގިނަ އަދަދަކަށް ފެނުނު ޑްރަގެވެ. މި ތަކެތި އަތުލުމުގެ ދެތިން ދުވަސް ކުރިން ފުލުހުންގެ އެހެން އޮޕަރޭޝަނެއްގައި ވަނީ 100 ކިލޯގެ ޑްރަގް ވެސް ހޯދައިފަ އެވެ. އެކަމަކު، އެ މައްސަލައިގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ފަސް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.