09 ޑިސެމްބަރ 2016 - 06:40

ޝާހްރުކް ޚާންގެ "ރައީސް" އާއި ރާކޭޝް ރޯޝަންގެ ރިތިކް ރޯޝަން ބަތަލުގެ ބައި ކުޅެފައިވާ "ގާބިލް" އެއް ދުވަހެއްގައި ރިލީޒްކުރާނެ ކަމަށް އިއުލާން ކުރީއްސުރެ ދެ ފިލްމުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
މައްސަލަ ހައްލުކުރެވޭތޯ ޝާހްރުކް އާއި ރާކޭޝް ރޯޝަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ދެ ބައި މީހުން ވެސް ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކުރާކަށް އެއްބަހެއް ނުވި އެވެ.
ކިތަންމެ މޮޅު ދެ ފިލްމު ނަމަވެސް އެއް ދުވަހެއްގައި ރިލީޒްކޮށްފި ނަމަ ކޮންމެވެސް އެއް ފިލްމަކަށް ބޮނޑި ލިބެ އެވެ. އެހެންވެ މަޝްހޫރު ތަރިން ހިމެނޭ ބޮޑު ބަޖެޓު ފިލްމުތައް އެއް ދުވަހަކު ރިލީޒް ނުކުރަން ފިލްމު އުފައްދާ މީހުން ވަރަށް މަސައްކަތް ކުރެ އެވެ.
ފިލްމަށް ލިބިދާނެ ގެއްލުމަށް ބަލާފައި ރާކޭޝް ރޯޝަން މީގެ ދެ ތިން ދުވަސް ކުރިން އިއުލާން ކުރީ އޭނާ އާއި ފިލްމުގެ ޑިސްޓްރިބިއުޓަރުން އެއްބަސްވެގެން ކުރިން އޮތް ތާރީޚަށް ވުރެ އެއް ދުވަސް ކުރިން 25 ޖެނުއަރީގައި "ގާބިލް" ރިލީޒްކުރަން ނިންމި ކަމަށެވެ. ފިލްމު އަވަސްކުރަން ނިންމި ސަބަބެއް ކަމަށް އޭނާ ބުނީ "ރައީސް" އާ މުޑިއަރާތީ ކަމަށެވެ.
"ގާބިލް" ޖެނުއަރީ 25 ގައި އަދި "ރައީސް" ޖެނުއަރީ 26 ގައި ރިލީޒްކުރާ ނަމަ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ދެ ފިލްމަށް ވެސް ލިބޭނެކަމަށް ގަބޫލުކުރެވެ އެވެ. އަދި ބޮކްސް އޮފީހުގެ ހަނގުރާމަ ތަންކޮޅެއް ހޫނުކަން ކުޑަކޮށް ދުއްވާލެވޭނެ ކަމަށް ވެސް ލަފާކުރެވުނެވެ.
ނަމަވެސް ކުއްލިއަކަށް ޝާހު ރުކްގެ ފަޅިން ވެސް މިހާރު ނިންމާފައި ވަނީ "ގާބިލް" ރިލީޒްކުރާ ދުވަހު "ރައީސް" ވެސް ނެރޭށެވެ. އިއްޔެ އާންމުކުރި އެ ފިލްމުގެ ޓްރެއިލާގައިވާ ގޮތުން "ރައީސް" އަޅުވާނީ ޖެނުއަރީ 25 ގަ އެވެ.
ސިނަމާތަކުގައި "ގާބިލް" އަަޅުވަނީ ހަވީރު 6.00 ގެ ޝޯތަކުން ފެށިގެން ނަމަވެސް "ރައީސް" ހެނދުނު 6.00 ގެ ޝޯތަކުން ފެށިގެން ދައްކާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެހެންކަމުން "ގާބިލް" އަށް ވުރެ ކުރިން ރިލީޒްވާނީ "ރައީސް" އެވެ.
މިކަމާ ރުޅިގަދަވެގެން ރާކޭޝް ރޯޝަން ބުނީ އެމީހުން ރިލީޒްކުރާ ތާރީހު ބަދަލުކުރާ ވަރަކަށް ޝާހްރުކް މެން ވެސް އެ ބަދަލު ގެންނަ ކަމަށެވެ. އަދި އޭނާއަކީ ޝާހްރުކް ނަމަ ދުވަހަކު ވެސް އެހެން ކަންތައް ނުކުރާނެ ކަމަށް ވެސް ރާކޭޝް ރޯޝަން ބުންޏެވެ.
"އަހަރެންގެ ހަޔާތުގެ 50 އަހަރު ފިލްމު އިންޑަސްޓްރީ އަށް ދީފިން. އަހަރެން ދުވަހަކު ވެސް އެހެން ފިލްމެއް ރިލީޒްކުރާކަން އެނގޭ ދުވަހަކު އަހަރެންގެ ފިލްމެއް ރިލީޒްކުރާކަށް މަސައްކަތެއް ނުކުރަން. އެހެންވެ އަހަރެން 2018 ގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެއްސި "ކްރިޝް 4" ވެސް އެހެން ތާރީޚަކަށް ބަދަލުކުރީ. އެއީ އެ ދުވަހު ޝާހްރުކްގެ ފިލްމެއް ރިލީޒްކުރާކަން އެނގޭތީ،" ވަރަށް ރުޅިއައިސް ވާހަކަ ދައްކަމުން ރާކޭޝް ބުންޏެވެ.
ހެނދުނު ޝޯތަކުން "ގާބިލް" ފަށާފާނެތޯ ސުވާލުކުރުމުން އޭނާ ބުނީ އެކަން ނިންމާނީ ފިލްމު ޑިސްޓްރިބިއުޓް ކުރާ ފަރާތުން ކަމަށެވެ.