09 ޑިސެމްބަރ 2016 - 06:39

މިއީ ބޮލީވުޑްގެ ވަރަށް ގިނަ ކައިވެނިތައް ރޫޅިގެން ދިޔަ އަހަރެކެވެ. ވަރިވާ ލިސްޓަށް ދެން އެންމެ އަވަހަށް އިތުރުވާނެ ނަމަކީ މިއުޒިކް ޑައިރެކްޓަރު، ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހިމޭޝް ރޭޝަމްޔާ އާއި އޭނާގެ އަންހެނުން ކޯމަލް އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުން ނަމަ މި ދެ މީހުންގެ 22 އަހަރު ވީ ކައިވެނި ނިމުމަކަށް ގެންނަން މިހާރު ވަނީ ކޯޓަށް ލާފަ އެވެ. މި ދެ މީހުން ވަކިން ދިރިއުޅޭތާ މިހާރު އެތައް މަހެއް ވެއްޖެ ކަމަށާއި އެހެން އަންހެންނާ އެކު ހިމޭޝް އޮންނަ ގުޅުންތައް ފަޅާއަރައިގެން އަންހެނުން ވަރިވާން ބޭނުންވީ ކަމަށްވެ އެވެ.
އެއީ ތެދެއްކަން ހިމޭޝް ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކައިވެންޏެއްގައި ދެ ފަރާތުން އަދާކުރަން ޖެހޭ އިހުތިރާމު ވަރަށް މުހިއްމު ކަމަށެވެ. ދެ މީހުން ވަކިވާން ނިންމީ ކައިވެންޏަށް އެ އިހުތިރާމް ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.
ހިމޭޝްގެ އަންހެނުން ބުނި ގޮތުގައި އެގޮތަށް ނިންމީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ދެ ފަރާތުގެ އާއިލާ އިން ވެސް އެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ބުންޏެވެ.
އޭނާ ބުނީ ހިމޭޝްއާ ވަކިވިޔަސް އެ އާއިލާގެ މެމްބަރެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.
ކޯމަލްއާ ކައިވެނި ކުރިއިރު ހިމޭޝްގެ އުމުރުން އެންމެ 21 އަހަރެވެ. ދެ މީހުންގެ ފިރިހެން ދަރިޔަކު ހުރެ އެވެ.
ހިމޭޝް ވަނީ 100 އަށް ވުރެ ގިނަ ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފަ އެވެ. ބައެއް ފިލްމުތަކުގައި އެކްޓްކޮށް ބައެއް ފިލްމުތައް ޕްރޮޑިއުސް ވެސް ކުރި އެވެ. އަދި ވަރަށް ގިނަ ފިލްމުތަކަށް ލަވަ ވެސް ކިޔައިދިނެވެ.
ހިމޭޝް އެންމެ ފަހުން ކުޅުނު "ތޭރާ ސުރޫރް" ނެރުނީ މިދިޔަ މާޗް މަހު އެވެ. އެކަމަކު މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.