09 ޑިސެމްބަރ 2016 - 06:36

ޝާހްރުކް ޚާންގެ އާ ފިލްމު "ރައީސް"ގެ ފުރަތަމަ ޓްރެއިލާ އަންގާރަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމުގައި ދައްކުވައިދެނީ 1980ގެ އަހަރުތަކުގައި ގުޖްރާތުގައި އުޅުނު ރައީސް ކިޔާ މީހެކެވެ. ރައީސްގެ ބައި އަދާކުރަނީ ޝާހްރުކް އެވެ. ފިލްމުގެ ފުރަތަމަ އިޝްތިހާރުން ވެސް ބްލޮކްބަސްޓާއަކަށް ވާނެކަމުގެ ޔަގީންކަން ގިނަ ބަޔަކަށް ވަނީ ލިބިފަ އެވެ.
އެ ޓްރެއިލާގައި ހިންދީ ފިލްމު ބަލާ މީހުންނަށް ބޭނުންވާނެ ހުރިހާ ރަހަތަކެއް ބަރާބަރަށް އެބަ ހުއްޓެވެ. ޝާހްރުކްގެ ރުޅިގަދަ، ބިރުކުޑަ މީހެއްގެ ކެރެކްޓާއަކީ މިހާތަނަށް އޭނާ ކުޅެފައިވާ ރޮމެންޓިކް ބައިތަކާ ވަރަށް ތަފާތު ހުނަރެކެވެ.
ފުލުސް އިނިސްޕެކްޓަރެއްގެ ރޯލު އަދާކުރާ ނަވާޒުއްދީން ސިއްދީގީ ވެސް މުހިންމު މަންޒަރުތަކެއް ފެނެ އެވެ. ލޯބީގެ ބައެއް ބައިތަކުން ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ވިދާލަ އެވެ. މާހިރާގެ ރީތިކަމަށް ގިނަ ބަޔަކު އަބަދުވެސް ތައުރީފުކުރެ އެވެ. މި ޓްރެއިލާ އިން ވެސް އެކަން ވަރަށް ރީތިކޮށް ހާމަވެ އެވެ.
ކުރުކޮށް ބުނާ ނަމަ "ރައީސް"ގެ ޓްރެއިލާ އަކީ ވަރަށް ފާސްޓް، އެހާމެ އެނާޖީ ހުރި ޑްރާމާ އާއި މުނިފޫހިފިލުވުން އެކުލެވޭ އިޝްތިހާރެކެވެ.
ޓްރެއިލާ ބެލި ގިނަ މީހުން ބުނެފައިވަނީ އަބަދު ރޮމެންޓިކް ރޯލުތައް ކުޅޭ ޝާހްރުކްގެ އިމޭޖް ބަދަލުކޮށްލަން މިއަށް ވުރެ ރަނގަޅު ފިލްމެއް ނޯންނާނެ ކަމަށެވެ.
ރާހޫލް ޑޯލަކިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ޖެނުއަރީ 26 ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.