ބަޖެޓަށް ބޭނުންވާ 7.5 ބިލިއަން ރުފިޔާ ހޯދަނީ ބޭރުން
ބަޖެޓަށް ބޭނުންވާ 7.5 ބިލިއަން ރުފިޔާ ހޯދަނީ ބޭރުން

އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ 7.5 ބިލިއަން ރުފިޔާ ހޯދަނީ ބޭރުގެ ފަރާތްތަކުގެ އަތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައިވާ ގޮތުން ބަޖެޓުގައި ކަނޑައަޅަފައިވާ ހަރަދުތައް ފޫބައްދަން 13.4 ބިލިއަން ރުފިޔާ ހޯދާނެ އެވެ. ބޭރުގެ މާލީ އިދާރާތަކުން ހޯދާ ފައިސާގެ ތެރެއިން ތިން ބިލިއަން ރުފިޔާ ހޯދަނީ ސޮވްރިން ސުކޫކް ނުވަތަ ބޮންޑު ފަދަ ތަކެތިންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ބޭނުންވާ ފައިސާ ހޯދުމަށް ހުރި އޮޕްޝަންތައް އެމިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. މިގޮތަށް ބެލުމަށް ފަހު އެންމެ ދަށް އިންޓްރެސްޓް ރޭޓެއްގައި ލިބެން ހުންނަ އޮޕްޝަންތައް ނަގާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެ ތެރެއިން 9.4 ބިލިއަން ރުފިޔާ ހޯދަނީ ބަޖެޓް ޑެފިސިޓަށް ބޭނުންވާ ފައިސާއަށެވެ. ލޯނު އަނބުރާ ދައްކަން 2.8 ބިލިއަން ބޭނުންވާ އިރު ސޮވްރިން ޑިވަލޮޕްމަންޓް ފަންޑަށް 769 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް ހޯދާ އިރު ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް 5.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.