13 ނޮވެމްބަރ 2021 - 10:13

ރާއްޖެ އެތެރެކުރަނިކޮށް ދާދިފަހުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ފަސް މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފި އެވެ.
ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ މިދިޔަ މަހު އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 10 މީހަކު ހައްޔަރު ކުރިޔަސް، އޭގެ ތެރެއިން ފަސް މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނެ އެވެ.
ބާކީ ތިބި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު ކުރިއިރު، ބާކީ ތިބި ދެ ބިދޭސީންގެ ތެރެއިން އެކަކު ބަންދަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ އިއްޔެ އިތުރުކޮށްފަ އެވެ.
އެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ކޯޓުން ކުރިން ދޫކޮށްލާފައި ވިޔަސް، އެ މައްްސަލަތައް ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.
މިދިޔަ މަހު 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ފަހުން އިތުރު 215 ކިލޯގެ މަސްތުވާތަކެތި ވެސް ފަޅު ރަށަކުން އަތުލައިިގެންފައިވެ އެވެ. އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮޮށްފަ އެވެ.