12 ނޮވެމްބަރ 2021 - 14:09

ޑްރަގް ޓްރެފިކިން އަށް ހާއްސަކުރި، "މިހާރު"ގެ މެދުސަފުހާގެ އިއްޔެގެ ރިޕޯޓްތައް ކިޔުމަށް ފަހު، އާންމުންގެ މީހަކު ހިޔާލު ފާޅުކުރި އެވެ؛

"ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެެއް ދިނުމާ އެކު ވަގުތުން މަޖިލިސް އެއްވެ ގާނޫނު ފާސްކޮށް ހަ މަސް ދުވަހުގެ ތެރޭގައި އެ މަނިކުފާނާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅެއް ދޭން ނިންމައިފި. ދެން ހުރިއްޔާ ހުރި ކަމެއް ވެސް ސަރުކާރުން ކުރަން ބޭނުންވީމަ ފައިސާ ވެސް ހުރޭ. ގާނޫނުތައް ވެސް ބަދަލުވޭ. އެކަމަކު ޑްރަގްގެ މައްސަލައެއް ހައްލެއް ނުވި،" އޭނާ ބުންޏެވެ.

"އަޅެ އަޖައިބެއް ނޫންތަ މިއީ. މަސްތުވާތަކެތީގެ މައްސަލައެއް މި މީހުންނަކަށް ހައްލެއް ނުވި ހަމަ އުޅެއުޅެ ވެސް."
ހަމަ ވަރަށް ބޮޑު ތެދެކެވެ. ގާނޫނުތައް ހަދައިގެން ވެސް މަސްތުވާތަކެތީގެ މައްސަލަތަކެއް ހައްލެއް ނުވި އެވެ. ހަގީގަތަކީ، އޭނާ ސީދާ ނުބުންޏަސް، އެ ވަގުތެއްގައި އޮންނަ ސަރުކާރަކާއި މަޖިލިހާއި ޖުޑިޝަރީގައި ވެސް ނުފޫޒު ގަދަ ބައެއް މީހުން މީގެ ތެރޭގައި ސީދާ އަދި ނުސީދާކޮށް ވެސް ބައިވެރިވުމެވެ. މިކަން ހައްލުކުރަން ބަލާއިރު، ހައްލު ނުވާން ހުރި ނުފޫޒުތައް މީގައި މާ ގިނައީ އެވެ.
ޑްރަގް ޓްރެފިކިންގެ އެންމެ އެތެރެއަށް ފީނާލަން "މިހާރު"ގެ ނޫސްވެރިން މަސައްކަތްކޮށް، ކަމާ ބެހޭ ބައެއް އިސް ބޭފުޅުންނާ ވާހަކަ ދައްކާލުމުން ބައެއް ބޭފުޅުންގެ ސުވާލަކަށްވީ، "ތިކަން ވާނެހެއްޔޭ" އެވެ.
"މީގައި އިސްކޮށް ތިބި މީހުންގެ ނަން ނަން ޖަހަން ނުކެރޭ ނަމަ ތީގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ނުފެނޭ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރާ ގޭންގުތަކާއި އޭގައި އިސްކޮށް އުޅޭ މީހުންނާއި އެ ވިއްކުމުގައި އިސްކޮށް އުޅޭ މީހުންނާއި އެ ވަންނަ ދޮރުތަކާއި ގަޑި ޖެހުމާ އެކު އެ ދޮރުތައް ހުޅުވައިދޭ މީހުންނާއި އެއަށް ފަންޑުކުރާ މީހުންނާއި އެ ފައިސާ ދައުރުވާ ގޮތްތަކާއި އެ ފައިސާ ބަހައްޓާ ތަންތަނާއި އެ ފައިސާ އިން ހުޅުވާފައިވާ ފިހާރަތަކާއި އެ ފައިސާ "ދޮންނަ" ގޮތް އެއީ ކަމާ ބެހޭ ފަރާތްތަކުގެ އަތުގައި މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ހުރި މައުލޫމާތެވެ.
މިވެނި ފިހާރަތަކެއް، މިވެނި ރެސްޓޯރަންޓްތަކެއް، އަދި މިވެނި ކަމަށް އިންވެސްޓްކޮށްފައި އެ ހުރީ ޑްރަގް ވިއްކައިގެން ލިބިފައިވާ ފައިސާ އިން ކަން ފުލުހުންނަށް ވެސް އަދި ކަމާ ބެހޭ އެހެން ހުރިހާ ފަރާތްތަކަށް ވެސް ހަމަ ކަށަވަރު ކަމާ އެކު އެބަ އެނގެ އެވެ. ފުލުހުން މީގެ ކުރިން ނޫސްވެރިންނަށް ބައެއް މައުލޫމާތު ދިން އިރު، ޑްރަގް ޓްރެފިކިންގައި ރާއްޖޭގެ އެންމެ ވަރުގަދަކޮށް ތިބީ މި މީސްމީހުންނޭ، އެއީ ކޮން ބައެއްކަން ތިމަންނާމެންނަށް އެނގެއޭ ވެސް ބުނެފައި އެބަހުއްޓެވެ. އެކަމަކު، ފުލުހުން ވެސް ބުނާ ގޮތުން އެ މީހުގެ ގައިގައި އަތްލާން ބަލާއިރު އެހެން ހުރަސްތައް މާ ގިނައީ އެވެ.
އިއްޔެ ނޫހުގައި ޖެހި އާޓިކަލްތަކުގެ ބޭރުން، ޖުމްލަކޮށް އެނގުނު އެއް ކަމަކީ، ގަސްތުގައި ރާއްޖޭގެ ބޯޑަރުގައި ޑްރަގަށް ދޮރު ހުޅުވާފައި ހުރި ކަމެވެ. މީގެ ތެރޭގައި އުޅޭ ސްމާޓް ބައެއް މީހުން، އެ ބާގަނޑު ބޭނުންކޮށްގެން މިހާރު ބައިނަލްއަގުވާމީ ޑްރަގް ހަބަކަށް ރާއްޖެ ހަދައިފި އެވެ. ރާއްޖޭގައި ސްޓޮކް ވަޅުލައި، އޭގެ ބައިބައި އެކި ގައުމުތަކަށް ޑީލްކުރާ ކަޅު ލިސްޓަށް ރާއްޖެ އެރުން އެއީ ދެން އެންމެ އަވަހަށް ފެންނާނެ މަންޒަރެވެ.
ޑްރަގްގެ ބޮޑެތި އަދަދުތައް ރާއްޖެ އެތެރެކުރަނީ އޭގެ ތެރޭގައި ހަމަ އަޑީގައި ދިވެހިން ތިބެގެންނެވެ. ބޮޑެތި ގޭންގުތައް އޭގެ ތެރޭގައި ހިމެނެ އެވެ. ދުނިޔޭގެ ފެންވަރުގައި ޑްރަގް ޓްރެފިކްކުރާ މީހުން އޭގެ ތެރޭގައި މަދެއް ނޫނެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުން އަތުލައި ވެސް ގަނެ އެވެ. އެކަމަކު ހަމަ އަތުލައިގަތުމާ އެކު، ދައުލަތުގެ ބައެއް އިސް ބޭފުޅުންނާއި ގާނޫނީ ވަކީލުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުން، އަތުލައިގަތް މީހާ ދޫކޮށްލެވޭނެ ހުރިހާ ކޮޅެއް ބަލަން ފަށަ އެވެ. އޭގެ ތެރެއިން އެއްވެސް މީހަކު އަތުލައިގަތުމަކީ، ގައުމަށް ދިމާވި އެންމެ ބޮޑު ހިތާމަ ކަމަށް ސިފަ ވާ ވަރަކަށް އެ މީހުން ކަންބޮޑުވެ އެވެ. އެ މީހުން ދޫކޮށްލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތި، ހައްޔަރުކުރި މީހުން ކުށްވެރިވެ، އަތުލި ފުލުހުން ސަސްޕެންޑްވެ، އެ މީހުންގެ މައްޗަށް ދައުވާކުރަން ޖެހޭ ވަރުގެ ހާލަތްތައް ވެސް މީގެ ކުރިން ކުރިމަތިވެފައި އެބަހުއްޓެވެ.
"އޭގެން މީހަކު ފުލުހުންގެ އަތު ޖެހިއްޖެ ނަމަ، އަޅުގަނޑަށް ހަމައެކަނި ނުގުޅުއްވާނެ ބޭފުޅަކީ ރައީސް އެކަނި. އެހެންނޫނިއްޔާ އަޅުގަނޑުގެ ފޯނު ހީވާނީ އެހެން ކަމެއްހެން. އަޅުގަނޑު ހަދާ ގޮތަކީ އެކަހަލަ ދުވަހެއްގައި ފޯނަށް އެއްވެސް ޖަވާބެއް ނުދެނީ،" ކުރިން ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ބޭފުޅަކު، އަމިއްލަގޮތުން ދެއްކެވި ވާހަކަތަކެއްގައި، ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް ޑްރަގް ނެޓްވޯކަކީ ވަރަށް ބޮޑު ނެޓްވޯކެކެވެ. މިއީ، އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ މާ ބޮޑު، އަދި ޖީލުތަކެއްގެ ފަހަތަށް ވިސްނާލައިފި ނަމަ ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ވެސް މެ އެވެ. ގާތްގަނޑަކަށް އެންމެ ތިރީހަކަށް އަހަރުގެ ތެރޭގައި، މި ވިޔަފާރި ހަގީގަތުގައި މިއޮތީ ރާއްޖޭގައި އެހެން އެއްވެސް އިންޑަސްޓްރީއެއް ކުރިއަށް ނުދާހާ ވުރެ ވެސް މައްޗަށް ގޮސްފަ އެވެ. އެންމެންނަށް މި ތިބެވެނީ އެސްކޮބާ ވަރުގެ ބޮޑެތި ޑީލަރުން އުފެދޭ މަންޒަރު ބަލާށެވެ!
މުޅި ދައުލަތް މި އޮތީ ޑްރަގްގެ ވިޔަފާރީގެ ތެރޭގައި ތަގައްޔަރުވެފަ އެވެ. އެ މީހުންގެ މީހުން ކަމާ ބެހޭ ހުރިހާ ދާއިރާއެއްގެ ތެރޭގައި އެބަތިއްބެވެ. ބައެއް ފަނޑިޔާރުންނާ ބޮޑެތި ގުޅުންތައް އޮވެ އެވެ. މަޖިލީހުގެ ބައެއް މެމްބަރުންނާ އޮންނަ ގުޅުމުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. އެ މީހުންގެ މައްސަލަތަކުގައި ވަކާލާތުކޮށްދޭން ތިން ހަތަރު އަހަރަށް ކޮންޓްރެކްޓް ހަދާފައިވާ ބޮޑެތި ވަކީލުން އެބަތިއްބެވެ. ދެކޮޅަށް ހެކި ދޭނެ މީހުންނެއް ނުތިބެ އެވެ. ޕޮލިހާއި ޑިފެންސާއި ސަރުކާރުގެ ތެރޭގައި ވެސް އެ މީހުންގެ މޫތައް އޮތީ ލައިފަ އެވެ؛ ނޫން ކަމަށް، އަދި ނުދެނެހުރި ކަމަކަށް ހަދައިގެން ތިބެނީ އެވެ.
"ޑްރަގްގެ ބޮޑުންތައް ކޯޓުތަކުން ދޫވެގެން ދިޔައިރު ނިކަން ބަލާބަލަ ސަރުކާރުގެ/ މަޖިލީހުގެ ކާކުތޯ އެކަމާ ކަންބޮޑުވެގެން އެއްޗެއް ބުނީ. އަހަރެމެން ކަހަލަ އާންމު މީހަކު ނޫނީ ހިޔާލެއް ވެސް ފާޅުކޮށް ނުލާ،" ހިޔާލުފާޅުކުރި މީހާ ބުންޏެވެ.
އޭނާގެ ވާހަކަ ވަރަށް ބަރާބަރެވެ. ކަންކަން ހައްލުކުރަން ނޫޅެނީ އެވެ. އެންމެ މިސާލެކެވެ؛ ބައެއް ޑްރަގް ނެޓްވޯކް ހިންގަނީ ޖަލުތަކުގެ ތެރެއަށް ފޯނު ވައްދައިގެން ކަމަށް މުޅި ދައުލަތް އިއްތިފާގު ވާއިރު، މިއީ ހައްލު ނުކުރެވޭނެ މައްސަލައެއް ނޫންކަން އެންމެންނަށް ވެސް އެބަ އެނގެ އެވެ. ޖަލުގައި ޖޭމަރެއް ހަރުކޮށްލުމަކީ، އާދައިގެ ކުންފުންޏަކާ ކުޑަ އަގެއްގައި ހަވާލުކޮށްލައިގެން ވެސް ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް ނަގާ ނަމަ، މަޖިލީހުގެ ދެތިން ދުވަހުގެ ކެއުމުގެ ހަރަދު ކެންސަލް ކޮށްލިޔަސް މިއީ ވާނެ ކަމެކެވެ. އެކަމަކު، އެ ވާހަކަ ދައްކާލަދައްކާލަ ތިބުން ނޫން ކަމެއް ނުވެ އެވެ.
އެވަރުގެ ކަމެއް ނުވެގެން އުޅެނީތޯ، ނުވަތަ ކުރަން ބޭނުން ނުވަނީތޯ، މިއީ ސުވާލެއް ނޫނެވެ.