12 ނޮވެމްބަރ 2021 - 11:39

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރެއްވުމަށް އެ މަނިކުފާނު އައްޔަން ކުރެއްވި އިނގިރޭސި ވިލާތުގެ ވަކީލު، ކާސްޓީ ބްރިމިލޯ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.
މުލިއާގޭގައި ބޭއްވި އެ ބައްދަލުކުރެއްވުމަށް ފަހު ބްރިމްލޯ ކުރެއްވި ޓްވީޓެއްގައި ހަމައެކަނި ވިދާޅުވެފައި ވަނީ "ދިވެހި ރައްޔިތުންނާއި ރައީސް ނަޝީދާ ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން" ރައީސްއާ މަޝްވަރާކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކުގެ އިތުރު ތަފްސީލު އޭނާ ނުދެއްވަ އެވެ. އަދި ރައީސް އޮފީހުން ވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކަންތައްތައް ގާތުން ބައްލަވައި، އެ ތަހުގީގަށް އެހީތެރިވުމަށް ނަޝީދުގެ ފަރާތުން ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް (ކިއޫސީ އޮފް ޑައުޓީ ސްޓްރީޓް) ކާސްޓީ ބްރިމިލޯ އައްޔަން ކުރެއްވީ ހަމަލާގައި އެ މަނިކުފާނަށް ލިބުނު އަނިޔާތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިނގިރޭސިވިލާތަށް ވަޑައިގެން ހުންނަވަ އެވެ.
ތަހުގީގާ ގުޅޭ ގޮތުން ބްރިމްލޯ ކުރައްވާނެ މަަސައްކަތަކީ، ތަހުގީގަށް ހެކި އެއްކުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ ރާއްޖޭގެ އިދާރާތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް އޭނާގެ އެކްޕަޓީސް ފޯރުކޮށްދިނުމެވެ.
ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ ހަމަލާ ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.
ކާސްޓީ ބްރިމިލޯ އަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެކެވެ. ޑައުޓީ ސްޓްރީ ޗެމްޕާސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އޭނާއަކީ ވަރަށް ކުޅަދާނަ ވަކީލެކެވެ.
ނަޝީދު އަަވަހާރަކޮށްލަން މިދިޔަ މޭމަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. ހަމަލާއަށް ފަހު ރާއްޖޭން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު، އަނބުރާ ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ.