ޓްރެފިކް ޖޫރިމަނާއާ މެދު ހިތްހަމަނުޖެހޭ ނަމަ މިހާރު ޝަކުވާ ހުށަހެޅޭނެ
ޓްރެފިކް ޖޫރިމަނާއާ މެދު ހިތްހަމަނުޖެހޭ ނަމަ މިހާރު ޝަކުވާ ހުށަހެޅޭނެ

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަމުގެ ޝަކުވާ ހުށަހަޅައި ބެލުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައި ގަވައިދަށް އަމަލުކުރަން ފަށައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ މި ގަވައިދު ބުދަ ދުވަހު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައި ވާއިރު މިއީ ގާނޫނުގެ ދަށުން ޖޫރިމަނާއެއް ދަައްކަންޖެހޭ ކޮންމެ މީހަކަށް ޝަކުވާ ހުށަހެޅުމުގެ ހައްގު އޮންނަ އޮންނާނެ އެވެ.

މި ގަވައިދުގެ ދަށުން ޝަކުވާ ހުށަހެޅޭނީ ތިން ހާލަތެއްގަ އެވެ. އެއީ؛

- ޖޫރިމަނާއެއް ކުރީ ޖޫރިމަނާކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތެއްގައި ކަމުގައި ނުވާ ނަމަ

- ޖޫރިމަނާކުރަންޖެހޭ ހަގީގީ ސަބަބު މެދުވެރިވެފައި ނުވުން

- ޖޫރިމަނާކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއް ޖޫރިމަނާކުރުމުން

- ޖޫރިމަނާ އަކީ ގާނޫނުގެ ދަށުން ޖޫރިމަނާކުރަންޖެހޭ ސައްހަ އަދަދު ކަމުގައި ނުވާ ނަމަ

މިފަދަ ކަމެއްގައި ނަމަ ޝަކުވާ ހުށަހަޅަން 30 ދުވަހުގެ މުއްދަތު ގަވައިދުގައި ވަނީ ދީފަ އެވެ.

ޝަކުވާ ހުށަހަޅަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުންނެވެ. މި ފޯމު މިނިސްޓްރީގެ ކައުންޓަރުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން، ޝަކުވާ ހުށަހެޅީ ކަމުގައި ބެލެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ހުށަހަޅާ ޝަކުވާއަކާ ގުޅިގެން، ޖޫރިމަނާ ކުރަން މެދުވެރިވި ހާދިސާގެ ރިޕޯޓް ހޯދަން މިނިސްޓްރީން އެދެފި ނަމަ އެ ޖޫރިމަނާއެއް ކުރި ސަރުކާރުގެ އިދާރާއަކުން ފަސް ދުވަހުގެ ތެރޭގައި ހާދިސާގެ ރިޕޯޓް މިނިސްޓްރީ އަށް ފޮނުވަން ޖެހޭނެ އެވެ.

ޖޫރިމަނާގެ ޝަކުވާ ހުށަހެޅުމުނެ މައްސަލަ ބަލާނީ "މުރާޖައާ ކޮމިޓީ" އިންނެވެ. މިއީ ގަވައިދުގެ ދަށުން އުފައްދާ، ތިން މެންބަރުންގެ ކޮމިޓީއެކެވެ. ކޮމިޓީގައި ތިއްބަވާނީ މިނިސްޓްރީން ކަނޑައަޅާ މިނިސްޓްރީގެ ދެ މުވައްޒަފަކާއި ލޭންޑް ޓްރާންސްޕޯޓް ޑިޕާޓްމަންޓް ނުވަތަ ސެކްޝަނުގެ މުވައްޒަފެކެވެ. މިއިން އެއްވެސް މެންބަރަކީ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ. އަދި މެންބަރުން އައްޔަންކުރައްވާނީ ޓްރާންސްޕޯޓް މިނިސްޓަރެވެ.

މުރާޖައާ ކޮމިޓީން ޝަކުވާ ބެލުމަށް ފަހު، ޖޫރިމަނާކުރީ ގާނޫނުތަކާއި ގަވައިދުގެ ތެރެއިން ރަނގަޅަށް ކަމަށް ނުވަތަ ގޯސްކޮށް ކަމަށް ކަނޑައެޅުމުގެ ބާރު މުރާޖައާ ކޮމިޓީއަށް އޮންނާނެ އެވެ. އަދި ކޮށްފައިވާ ޖޫރިމަނާއަކަށް ބަދަލު ގެންނަން ވެސް ނިންމިދާނެ އެވެ.

މި ކޮމިޓީއަށް ހުށަހަޅާ ޝަކުވާއެއް ބަލައި ނިންމުމަށް ފަހު، ޝަކުވާ ހުށަހެޅި ފަރާތާއި ޖޫރިމަނާ ކުރި ދައުލަތުގެ އިދާރާ އަދި މޯލްޑިވްސް އިންލެންޓް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 10 ދުވަސް ތެރޭގައި އެ ނިންމި ގޮތެއް އަންގަން ވެސް ޖެހެ އެވެ.

ޓްރެފިކް ނިޝާންތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމާއި ގެންދިޔުމާއި ޕާކު ކުރުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރެވޭ ކުށްތަކެވެ. އެއްކޮޅަށް ދުއްވަންޖެހޭ މަގުތަކުގައި އެއާ ހިލާފަށް ދުއްވުމާއި ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވި ދުއްވުމުގެ ފުރަތަމަ ފަހަރަށް ނަމަ 500ރ. އިން ޖޫރިމަނާކުރުން ދެވަނަ ފަހަރަށްނަމަ 1,000ރ. އިން ޖޫރިމަނާކުރުން އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1,500ރ. އިން ޖޫރިމަނާކުރުމެވެ.

މި ކަންކަން ފިޔަވައި ޓްރެފިކާ ގުޅޭ އެހެން ކުށްތަކުގައި އެކަމެއް ފުރަތަމަ ފަހަރަށް ކުރާ މީހާގެ އަދަބަކީ، 250ރ. ޖޫރިމަނާ ކުރުމެވެ. އަދި ދެ ވަނަ ފަހަރު 500ރ. އިން އަދި އޭގެ ފަހުން ކޮންމެ ފަހަރަކަށް 750ރ. އިން ޖޫރިމަނާކުރުމެވެ. ގަވައިދާ ހިލާފަށް ޕާކް ކުރުމުން ޖޫރިމަނާކުރަނީ މިގޮތަށެވެ.

ވެހިކަލްތައް މާލެއަށް ގިނަވެ، ޕާކިން ޖާގައިގެ ދަތިކަން ބޮޑެވެފައި އޮއްވައި ގަވައިދާ ހިލާފަށް ޕާކް ކުރުމުން ކުރާ ޖޫރިމަނާއަށް އާންމުންގެ ޝަކުވާ އާއި ފާޑުކިޔުން ބޮޑެވެ. މިގޮތަށް ކޮށްފައިވާ ޖޫރިމަނާތައް ސިޔާސީ ކެމްޕޭނުތަކާ ގުޅުވައިގެން މީގެ ކުރިން މާފުކޮށްދީފައިވެ އެވެ.