ލެސްޓާގެ ފުރަތަމަ ބަލި، ޓޮޓެންހަމަށް ތިން ވަނަ
ލެސްޓާގެ ފުރަތަމަ ބަލި، ޓޮޓެންހަމަށް ތިން ވަނަ

ލަންޑަން (ޑިސެމްބަރު 8) - ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި 5-0 ގެ ބޮޑު ތަފާތަކުން ޕޯޓޯ އަތުން ބަލިވެ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީ ބަލިވިއިރު، ސީއެސްކޭއޭ މޮސްކޯ އަތުން 3-1 އިން މޮޅުވެ ޓޮޓެންހަމް ގްރޫޕްގެ ތިން ވަނަ ހޯދައިފި އެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް ލެސްޓާ ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ޖީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ލެސްޓާ އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދީ ޕޯޓޯ އެވެ. އެ ޓީމަށް ވަނީ ރޭގެ މޮޅާ އެކު 11 ޕޮއިންޓް ހަމަކޮށްފަ އެވެ. ތިން ވަނަ ހޯދީ ނުވަ ޕޮއިންޓާ އެކު ކޮޕެންހާގެން އެވެ. އެންމެ ފުލުގައި ނިންމާލި ބްރޫޖަށް ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗަށް ލެސްޓާ ނުކުތީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ސަންޑަލެންޑް އަތުން ބަލިވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް 10 ބަދަލެއް ގެނެސްގެންނެވެ. މި މެޗުގައި ލެސްޓާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މިކަމުގެ ފައިދާ ނަގައި ޕޯޓޯ އިން ވަނީ އެ ޓީމު ކޮޅަށް ފަސް ލަނޑު ވައްދާލައިފަ އެވެ.

ޕޯޓޯގެ އަންޑްރޭ ސިލްވާ ދެ ލަނޑު ޖެހިއިރު ޖީސަސް ކޮރޯނާ، ޔަސިން ބްރަހިމީ އަދި ޑިއޯގޯ ޖޯޓާ، ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖެހި އެވެ.

ޓޮޓެންހަމް ރޭގެ މެޗަށް ނުކުތްއިރު ވެސް އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެހެން ނަމަވެސް ރޭގެ މޮޅާ އެކު އެ ޓީމުން ވަނީ ގްރޫޕްގެ ތިން ވަަނަ ހޯދާ ޔޫރޮޕާ ލީގުން ޖާގަ ހޯދައިފަ އެވެ.

ގްރޫޕް އީގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަަ ބުރަށް ދިޔައީ 11 ޕޮއިންޓާ އެކު މޮނާކޯ އެވެ. ދެ ވަނަ އަށް ދިޔައީ ބަޔާ ލެވަކޫސަން އެވެ. ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން މޮނާކޯ ބަލިކޮށްފަ އެވެ. ޓޮޓެންހަމް ތިން ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ފުލަށް ދިޔަ ސީއެސްކޭއޭ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސީއެސްކޭއޭ އިންނެވެ. މެޗުގެ 34 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ އެލަން ޒަގޮއެވް އެވެ. ސީއެސްކޭއޭ އަށް ލީޑު ހިފަހައްޓާލެވުނީ ހަތަރު މިނިޓް ވަންދެނެވެ. މެޗުގެ 38 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑެލޭ އަލީ ވަނީ އެ ޓީމަށް ނަތީޖާ ހަމަަކޮށްދީފަ އެވެ. ފުރަަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމުން ލީޑުނެގީ ހެރީ ކޭން ޖެހި ލަނޑުންނެވެ.

ޓޮޓެންހަމްގެ ފަހު ލަނޑަކީ މެޗުގެ 77 ވަނަ މިނިޓްގައި ސީއެސްކޭއޭ ކީޕަރު އިގޯ އަކިންފިއެވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ ޖެހިޖެހިގެން ހޯދި ދެ ވަނަ މޮޅާ އެކު އެ ޓީމު ފޯމަަކަށް އެޅެމުން އަންނަ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި މި އަށް ވުރެ ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.