ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލާކް އަވަހާރަވެއްޖެ
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލާކް އަވަހާރަވެއްޖެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެ ގައުމުގައި ވެރިކަން ކުރި ދޮން ނަސްލުގެ އެންމެ ފަހުގެ ރައީސް، އެފް ޑަބްލިޔު ޑި ކްލާކް މިއަދު އަވަހާރަވެއްޖެ އެވެ.

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލާކް އަވަހާރަވެއްޖެ
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޑި ކްލާކް އަވަހާރަވެއްޖެ

އުމުރުން 85 އަހަރުގައި ޑި ކްލާކް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކެންސަރު ޖެހިފައިވާ ކަން އެނގުނީ މިއަހަރުގެ ކުރީކޮޅު އެވެ.

ޑި ކްލާކަކީ ދެކުނު އެފްރިކާގައި އޮތް ދޮން މީހުންގެ ނަސްލީ ތަފާތުކުރުމުގެ ވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރެސީ ގާއިމުކުރުމުގައި، އޭރުގެ ރައީސްގެ ހައިސިއްޔަތުން މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ދެކުނު އެފްރިކާގެ ރައީސްގެ މަގާމުގައި ހުންނެވީ 1989 އިން 1994 އަށެވެ.

ދެކުނު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒުގެ އުސޫލުތައް އުވާލުމަށް މަސައްކަތްކުރެއްވި ނެލްސަން މަންޑޭލާ، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުކޮށްފައި ހުންނަވަނިކޮށް، އޭނާ މިނިވަންކުރެއްވުމަށް ނިންމެވި ކަން، ޑި ކްލާކް އިއުލާން ކުރެއްވީ 1990 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަސްލީ އިމްތިޔާޒުގެ އުސޫލުތައް ނައްތައިލުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާ އަށް ވަނީ، ނެލްސަން މަންޑޭލާ އެކު، ނޯބެލް ސުލްހައިގެ އިނާމު އަރުވައިފަ އެވެ. ނަމަވެސް ނަސްލީ ތަފާތުކުރުން ނައްތައިލުމުގައި އޭނާ އަދާކުރެއްވި ދައުރާ މެދު، އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ނަސްލީ ތަފާތުކުރުންތައް ނައްތައިލީ، ޑި ކްލާކް ބޭނުންވެގެންނެއް ނޫނެވެ. އެއީ އެކަމާ ދެކޮޅަށް ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ މީހުން ކުރަމުން ދިޔަ މުޒާހަރާތަކާއި، މަދަނީ ބަސްނޭހުންތަކުގެ ސަބަބުން މަޖުބޫރުވެގެން ކުރި ކަމެކެވެ. ނެލްސަން މަންޑޭލާ ވެސް މިނިވަންކުރީ، ސިޔާސީ ފިއްތުންތައް ބޮޑުވެ މަޖުބޫރުވުމުންނެވެ.

ޑި ކްލާކްގެ އާއިލާ އިން ބުނި ގޮތުގައި، ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު އޭނާ އަވަހާރަވީ ގެކޮޅުގައި އޮއްވަ އެވެ.