10 ޑިސެމްބަރ 2016 - 07:09

ކެންސަރުގެ ވައްތަރަކަށް ދޭ ބޭހަކުން އަންހެނުންގެ ބިސް އުފެދޭކަން ސާބިތުވުމާ ގުޅިގެން، ދަރިމައިކުރުމުގެ މަސައްކަތަށް އާ އުއްމީދެއް ލިބިއްޖެ އެވެ. މީގެ ކުރިން ސައިންސްވެރިންނާއި ޑޮކްޓަރުން ބުނަމުން އަންނަނީ އެ ގޮތަށް ބިސް އުފެދުން އެކަށީގެންނުވާ ކަމަށެވެ.
ޔުނިވަސިޓީ އޮފް އެޑިންބާގްގެ ސައިންސްވެރިންގެ މި ހޯދުމަކީ "އަޖައިބުވެ އަންތަރީސްވާ" ވަރުގެ ހޯދުމެއް ކަމަށް ބެލެވެ އެވެ. މިއީ ދަރިމައިނުވާ އަންހެނުން އަލުން "ބާލިޣުވާ" އުމުރަށް ގެނެސް އާ ބިސް އުފެދެން ފެށުމުގެ މަރުހަލާއެއް ގެނުވިދާނެ ކަމުގެ ހެއްކެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
އަންހެނުން އުފަންވާއިރު ވެސް ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ބިސް ހުރެ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ބަލިވެ އިންނަން އުނދަގޫވަނީ އެހެންވެ އެވެ. ސަބަބަކީ ބިސްތަކަށް ގިނަ ދުވަސް ވާ ވަރަކަށް އެއަށް ގެއްލުން ލިބުމާއި އުމުރުގެ ވަކި ހިސާބަކުން ބިސް މުޅިން ހުސްވުމެވެ.
ނަމަވެސް ސައިންސްވެރިންގެ އާ ހޯދުމުން ދައްކައިދެނީ ވަކި ކަހަލަ ކެންސަރެއްގެ ފަރުވާއަކަށް ބޭނުންކުރާ އޭބީވީޑީ ބޭހުގެ ކޮމްބިނޭޝަންއަކުން ކީމޯތެރަޕީ ދިނުމުން ސިއްހަތު ރަނގަޅު އަންހެނުންގެ ހަށިގަނޑުގައި އާ ބިސް އުފެދޭ މިންވަރު 10 ގުނަ އިތުރުކަމެވެ.
ކެންސަރުގެ އެ ބޭސްތަކުން ދަރިއަކު ލިބުމުގެ ފުރުސަތު ގެއްލުމުގެ ބަދަލުގައި، އާ ހޯދުމުން ދެއްކީ، ދަރިމައިވުމުގެ ސިއްހަތު ރަނގަޅުވާ ކަމެވެ.
ބިސް އުފެދެނީ، ސައިންސްވެރިން ލަފާކުރާ ގޮތުގައި، ކީމޯތެރަޕީގެ ޝޮކުން ކުއްލިއަކަށް އޯވަރީޒްގެ ސްޓެމް ސެލްސްތަކުން މުޅިން އާ ފޮލިކްލްސް އުފައްދަން ފެށުމުންނެވެ. ކޮންމެ ފޮލިކްލްސް އަކުން ބިހެއް އުފައްދަ އެވެ.
ޔުނިވަސިޓީ އޮފް އެޑިންބާގް ސްކޫލް އޮފް ބައޮލޮޖިކަލް ސައިންސްގެ އިސް ޕްރޮފެސަރު އެވްލީން ޓެލްފާ ވިދާޅުވީ ދިރާސާގައި ބޭނުންކުރި އަންހެނުންގެ ޓިޝޫތަކަށް ވާ ގޮތް ފެނިފައި ސައިންސްވެރިން ހައިރާންވި ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ކެންސަރުގެ ފަރުވާއަށް ދޭ އެހެން ބައެއް ބޭސްތަކުން އެހެން ދިމާވިޔަސް އޭބީވީޑީ ބޭސްތަކަކީ ދަރިމައިވުމުން މުޅިން މަހްރޫމްވާ ފަދަ އަސަރުތަކެއް ހުންނަ އެއްޗެއް ނޫންކަން. ނަމަވެސް މުޅިން އާ އަދި ގިނަ އަދަދަކަށް ބިސް އުފެދުމަކީ ވަރަށް ހައިރާންކުރުވި މަންޒަރެއް،" ޓެލްފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ބިސް އުފެދެން ފަށަން މެދުވެރިވާ ހަގީގީ މެކޭނިޒަމަކީ ކޮބައިތޯ ދެނެގަންނަން ޖެހެ އެވެ. އެއީ ފަހަރެއްގައި ކެންސަރު ފަރުވާގެ ވަރުގަދަކަމުން ހަށިގަނޑަށް ލިބޭ ޝޮކްގައި ކުއްލިއަކަށް ދިމާވާ ކަމެއްތޯ ނުވަތަ އެނޫން ގޮތަކުން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށެވެ.
ޓެލްފާ ވިދާޅުވީ މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ހޯދުމެއް ކަމަށެވެ. އޯވަރީއެއްގައި މުޅިން އާ ފޮލިކްލްސް އުފެދޭ ތަން މީގެ ކުރިއަކުން ފެނިފައެއް ނުވެ އެވެ.
މިހާތަނަށް އެގޮތަށް ބިސް އުފެދޭކަން އެނގުނީ ވަރަށް މަދު އަންހެނުންތަކެއްގެ ހަށިގަނޑުންނެވެ. ނަމަވެސް އޭބީވީޑީ ދީގެން އެހެން އަންހެނުންނަށް ވެސް އެ ފުރުސަތު އޮތްތޯ ބެލިދާނެ އެވެ.
އާ ހޯދުމުގައި ސައިންސްވެރިން ބޭނުންކުރީ ކީމޯތެރަޕީ ފަރުވާ ހޯދި 14 އަންހެނަކު ހަދިޔާކުރި އޯވޭރިއަން ޓިޝޫ އާއި ސިއްހަތު ރަނގަޅު 12 އަންހެނެއްގެ އޯވަރީ ޓިޝޫތަކެވެ.
މިއީ އަދި ބޮޑު ކަމެއްގެ ފެށުމެވެ. އެގޮތަށް އުފެދޭ ބިސްތައް އާންމުކޮށް ދަރިމައިވާ ބިސްތައް ފަދައިން ހަރަކާތްތެރިވެދާނެތޯ އަދި ސާފެއް ނުވެ އެވެ. އެހެންކަމުން ދިރާސާތައް އޮތީ ކުރިއަށެވެ.
މި ހޯދުމުން ގެނެސްދިން އުއްމީދަކީ އަންހެނެއްގެ އުމުރުގެ ކޮންމެ ހިސާބަކުން ވެސް ދަރިމައިކުރެވިދާނެ ކަމެވެ.