މާދަމާ އިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ
މާދަމާ އިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

މި ރޯދަ މަހުގެ ފިތުރު ޒަކާތް މާދަމާ އިން ފެށިގެން ޖުލައި ތިނެއްގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އިސްލާމިކް މިނިސްޓްރީ އާއި ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ވިލިމާލެ އާއި ރަށްރަށުގެ ކައުންސިލްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން 1:00 އަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

- އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12 ރުފިޔާ

- ތައިލެންޑު ހަނޑުލުން މީހަކަށް 65 ރުފިޔާ

- ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 77 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.