މަޖިލީހުގެ ބަޖެޓަށް ހަތް މިލިއަން އިތުރުކުރަން ހުށަހަޅަން ކޮމިޓީން ފާސްކޮށްފި
މަޖިލީހުގެ ބަޖެޓަށް ހަތް މިލިއަން އިތުރުކުރަން ހުށަހަޅަން ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓަށް ހަތް މިލިއަން ރުފިޔާ އިތުރުކުުރަން ބަޖެޓު ކޮމިޓީއަށް ހުށަހަޅަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅީ 191 މިލިއަން ރުފިޔާ އެވެ.

ބަޖެޓު ކޮމިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓާ ބެހޭގޮތުން މަޝްވަރާކުުރަން އިއްޔެ ބޭއްވި އާއްމު ކޮމިޓީގައި، އެ ކޮމިޓީގެ ނައިބު މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ ބަޖެޓުގައި ހިމަނަން މަޖިލީހުގެ ފަރާތުން ހުށަހެޅި އަދަދު ފިނޭންސް މިނިސްޓްރީން އެޕްރޫވްކުރި ނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާ އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ވިދާޅުވީ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި ހިމެނޭ ކަންކަމަކީ ވަރަށް މުހިންމު ކަންކަން ކަމަށެވެ.

އެނާ ވިދާޅުވި ގޮތުގައި މިވަގުތު މަޖިލީހުގެ އިމާރާތުގައި ލިފްޓުގެ ދަތިކަން ވެސް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ކޮމިޓީ ރޫމްތަކުގައި އިދާރީ ބޭނުމަށް ބޭނުންވާ ވަސީލަތްތައްވެސް އެންމެ އެކަށީގެންވާވަރަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޮމިޓީ އާއި މަޖިލީހުގެ ޖަލްސާތައް އެކުއެކީގައި ހިނގަމުން އަންނައިރު ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ޖަލްސާތަކުގައި ހިނގާ ކަންކަން ނޭނގޭތީ ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު ހަނިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި އަދަދަކީ އެކަންކަން ހައްލުކުރުމަށް ހުށަހެޅި ބަޖެޓެއްކަން ފާހަގަކުރައްވައި، އެ އަދަދު މަޖިލީހުގެ ބަޖެޓައް އިތުރުކޮށްދެއްވަން އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ އެއްގޮތައް ބަޖެޓަށް ހަތް މިލިއަން އިތުރުކޮށްދޭން ބަޖެޓު ކޮމިޓީގައި އެދެން ފާސްކުރީ ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓަށް އިތުރުކުރަން ހުށަހެޅި ހަތް މިލިއަން ހޭދަކުރަން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާ އާއި އެކިއެކި އިވެންޓުތައް ބްރޯޑްކާސްޓުކޮށް ފްރޭމް ކުރެވޭނެ ގޮތް ހެދުމަށާއި ކޮމިޓީ ރޫމްތަކާއި އިދާރާތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަކުރުން ފަދަ ކަންކަމަށް ކަން ފާހަގަކޮށް އެ ބަޖެޓް ލިބުން ވަރަށް މުހިންމުކަން މެމްބަރުން ފާހަގަކުރެއްވި އެވެ.