ޕީއެސްޖީގެ އަންހެން ޓީމުގެ ކުޅުންތެރިޔަކު ހައްޔަރުކޮށްފި
ޕީއެސްޖީގެ އަންހެން ޓީމުގެ ކުޅުންތެރިޔަކު ހައްޔަރުކޮށްފި

ޕެރިސް (ނޮވެމްބަރު 11) - ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)ގެ އަންހެން ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު އާމިނާތާ ޑިއާލޯ، ބަޔަކު ލައްވާ ޓީމުގެ ކުޅުންތެރިޔަކަށް ހަމަލާދިނުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރު ކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި އާމިނަތާ ޑިއާލޯ، 26، ހައްޔަރުކުރިއިރު، އޭނާއާ އެކު ޕީއެސްޖީ އަށް ކުޅޭ ހެއިރާ ހަމްރޫއީ، 31، ޓީމާ އެކު ރޭގަނޑުގެ ކެއުމަށް ފަހު ކާރުގައި މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ގެއަށް ދިޔަ މަގުމަތީގައި، މާސްކް އަޅައިގެން ތިބި ދެ މީހަކު ވަނީ އޭނާ ހުއްޓުވައި ދަމާފައި ކާރުން ބޭރަށް ނެރެ، ދަގަނޑު ހޮޅިތަކަކުން އޭނާގެ ފަޔަށް އެކިވަރުގެ އަނިޔާތައް ދީފަ އެވެ.

މި ހަމަލާއާ ގުޅިގެން ހަމްރޫއީ އަށް ފަރުވާ ދެމުން ދާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި، ހަމްރޫއީ އަށް ހަމަލާދޭން މާސްކް އަޅައިގެން ތިބި މީހުން ފޮނުވީ އާމިނަތާ ޑިއާލޯ އެވެ. އަދި އޭނާ މިހެން ކަންތައް ކުރީ މި ސީޒަނުގައި އެ ޓީމަށް ހަމްރޫއީ ގެނައުމުން އާމިނަތާ އަށް ކުޅެން ލިބޭ ވަގުތު މަދުވުމުން ކަމަށް ވެސް މީޑިއާތައް ރިޕޯޓް ކުރެ އެވެ

ޕީއެސްޖީން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވާއިރު، ކުޅުންތެރިންގެ ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވާ ކަމަށް އެ ކުލަބުން ބުނެ އެވެ.

އާމިނަތާ ޑިއާލޯ ވަނީ ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީން ސްޕެއިންގެ ރެއާލް މެޑްރިޑް 4-0 އިން ބަލިކުރި މެޗުގައި 89 މިނިޓު ފުރިހަމަ ކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގައި ހޭދަކުރި ޑިއާލޯ ޕީއެސްޖީއަށް ސޮއިކުރީ 2016 ވަނަ އަހަރު، ހެއިރާ ހަމްރޫއީ ޕީއެސްޖީ ދޫކޮށް ވާދަވެރި ލިޔޯން އަށް ބަދަލުވުމުންނެވެ. ލިޔޯންއާ އެކު ހަމްރޫއީ ވަނީ ދެ ފަހަރު ފްރާންސް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއަށް ފަހު ބާސެލޯނާއަށް ބަދަލުވެ، އެޓީމާ އެކު ހޭދަކުރި ތިން ސީޒަނުގައި ވަނީ ދެ ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށް، އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީ އަށް 60 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ޑިއާލޯ ވަނީ ހަމްރޫއީއާ އެކު ފްރާންސް ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.