11 ނޮވެމްބަރ 2021 - 11:00

ކ.ތިލަފުށިން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން އިންޒާރު ދީފި އެވެ.
އެ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތިލަފުއްޓަކީ މި ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތްކުރާ ވިޔަފާރި ހަބް ކަމަށާއި އެ ރަށުން އެކި ވިޔަފާރިތަކަށް ކުލީ ބިން ދޫކޮށްފައިވަނީ ވިޔަފާރިތައް ފުޅާކޮށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ތިލަފުށިން ބިން ދޫކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ތެރެއިންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ ކަންކަމަށް ހުރުމަތްތެރިކޮށް ނުހިތާ ނަމަ އެެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އެއްބަސްވުމާ ހިލާފަށް އެކި ކަންކަން ކުރަމުންދާ ކަމަށާއި އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
"ނަމަވެސް ބައެއް ފަރާތްތަކުން މި ކޯޕަރޭޝަނުގެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުންގެންދާތީ، އާންމު މަސްލަހަތު ގެއްލި އެއް ފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއް ފަރާތުގެ މަސައްކަތައް ގެއްލުންވޭ،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ވިޔަފާރިތަކަށް ދަތިވާ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށް އެޗްޑީސީން ބުނީ މީގެ ފަހުން އެފަދަ އަމަލުތައް ތަކުރާރުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.