11 ނޮވެމްބަރ 2021 - 06:48

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ މިހާރުގެ ސީއީއޯ އެލެކްސް ގޯޒްކީ އެޕަލްއާ ގުޅެން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނީގެ ބޯޑާ އޭނާ ގުޅެން ނިންމި އިރު، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ސީއީއޯގެ މަގާމުން އޭނާ އިސްތިއުފާ ދޭނެ އެވެ. ކުންފުނީގެ ޗެއާމަންގެ މަގާމުގައި ވެސް ހުރި އެލެކްސް އޮތީ ކުރިން ވެސް އެކަން އިއުލާންކޮށްފަ އެވެ.
އޭނާ އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ އެޕްރީލް 26، 2012 ގަ އެވެ. އަދި ޗެއާމަންގެ މަގާމާ ހަވާލުވީ ޑިސެމްބަރު 28، 2012 ގަ އެވެ. ޖޯންސަން އެންޑް ޖޯންސަންއާ އެލެކްސް، 61، އެންމެ ފުރަތަމަ ގުޅުނީ 1988 ގަ އެވެ. އެއީ ސޭލްސް ރެޕްރެޒެންޓިވެއްގެ ގޮތުގަ އެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު އޭނާ އެ ކުންފުނީގެ ސޭލްސް އާއި މާކެޓިން އަދި މެނޭޖްމަންޓްގެ އިސް މަގާމުތަކެއް އަދާކުރި އެވެ.
ދިހަ އަހަރު ފަހުން ޖެނުއަރީ މަހު ޖޯންސަން އެންޑް ޖޯންސަންގެ ސީއީއޯގެ މަގާމު އެލެކްސް ދޫކޮށްލާތީ އެ މަހުގެ 3 އިން ފެށިގެން މަގާމު އަދާ ކުރާނީ މިހާރު ކުންފުނީގެ އެކްޒެކެޓިވް ކޮމެޓީގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި ޖޯކީން ޑުއާޓޯ އެވެ.
އެޕަލްއާ އެލެކްސް ގުޅޭނެކަން ހާމަކޮށް، އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ބުނީ އެލެކްސްއާ އެކު ކުރިއަށް އޮތް ތަނުގައި އެޕަލްގެ އުފެއްދުންތައް ގެނެސްދިނުމުގައި ސިއްހީ ކަންކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރެވިގެން ދާނެ ކަމަށެވެ.
"އޭނަ އަހަރެމެން ގުޅުމަކީ ޓެކްނޮލޮޖީގެ ދާއިރާ އިން ލިބޭ އިތުރު ކުރިއެރުމަކަށް ވާނެ. އެގޮތުން އަހަރެމެންގެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް އެ މީހުންގެ ޑޮކްޓަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ،" ޓިމް ވިދާޅުވި އެވެ. "މިސާލަކަށް ޑޮކްޓަރުންގެ ޑޭޓާތަކަށް އެކްސެސްވުމުގައި އެޕަލްގެ ޑިވައިސްތައް ގެންގުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ."
އޭނާ ބުނި ގޮތުގައި އެލެކްސް އަކީ "ޓެކްނޮލޮޖީގެ ވިސްނުމާއި ފިކުރު ވަރަށް ބޮޑަށް ހުންނެވި ހެލްތުކެއާ ދާއިރާގެ ދުރު މުސްތަގުބަލުގެ ތަސައްވުރު އަބަދު ވެސް ގެންގުޅޭ" މީހެކެވެ.
އެލެކްސް ވިދާޅުވީ އެޕަލްގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށާއި އޭނާގެ ތަޖުރިބާގެ އެހީގައި ޓެކްނޮލޮޖީގެ ދާއިރާ އިން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ސީއީއޯ އެޕަލްއާ ގުޅޭ އިރު، އެ ދެ ކުންފުންޏަކީ މިހާރު ވެސް ގުޅިގެން މަސައްކަތްތަކެއް ކުރާ ދެ ކުންފުންޏެވެ. އެގޮތުން އެޕަލް ގަޑީގެ އެހީގައި ހިތުގެ ވިންދަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުރެވޭ ދިރާސާ މަސައްކަތްތައް ހިމެނެ އެވެ.