ކެޕްޓަން އަސަދުﷲ މާޒިޔާގައި މަޑުކުރަން ނިންމައިފި
ކެޕްޓަން އަސަދުﷲ މާޒިޔާގައި މަޑުކުރަން ނިންމައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގައި މަޑުކުރަން އެ ކްލަބުގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ ނިންމައިފި އެވެ.

ފާއިތުވި ދެ އަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަސަދުﷲ "މިހާރަ"ށް ބުނީ މާޒިޔާގައި މަޑުކުރަން ނިންމީ މި ވަގުތު އޭނާ އަށް އެންމެ ރަނގަޅު ކްލަބަކީ އެއީ ކަމަށް ވުމުން ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު އޮތް އެންމެ ރަނގަޅު މެނޭޖްމަންޓް އޮތީ މާޒިޔާގައި. މި ކްލަބާ އެކު އަހަންނަށް ގިނަ ކާމިޔާބީތައް ހޯދުނީ. އެއީ މި ކްލަބުގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ،" އަސަދުﷲ ބުންޏެވެ.

މި އަހަރުގެ ސީޒަނަށް މާޒިޔާއިން ކުރިމަތިލީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓް ކޮށްގެންނެވެ. ނަމަވެސް އެ ޓީމަށް ލިބުނީ އުރީދޫ ދިވެހި ޕްރިމިއާ ލީގު އެކަންޏެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ކެޓިއިރު، ޕްރެޒިޑެންޓްސް ކަޕުން ބަލިވީ ސެމީ ފައިނަލުންނެވ

މިދިޔަ ދެ އަހަރު ވެސް އެންމެ ގިނަ ގޯލު ޖެހި އަސަދުﷲ މި ފަހަރުގެ ސީޒަން ނިންމާލީ ލަނޑު ލިސްޓުގެ ދެ ވަނައިގައި އޮވެ އެވެ. އަސަދުﷲ 32 ލަނޑު ކާމިޔާބުކުރިއިރު، އެންމެ ކުރީގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) ވަނީ 34 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އޭވައިއެލް އިން ވިދާލި ފޯވާޑް ކްލަބް ވެލެންސިއާ އަށް ކުޅުމަށް ފަހު މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އަސަދުﷲގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަަނަ އަހަރުގެ ސީޒަން މެދުތެރެއިން އަލީ ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުންނެވެ.

އަސަދުﷲ ވަނީ މާޒިޔާއާ އެކު އެފްއޭ ކަޕް ދެ ފަހަރު އަދި ޕްރެޒިޑެންޓަސް ކަޕާއި އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.