"ދިލްބަރް" އަށް ފަހު ނޯރާ "ދިލްރުބާ" ގެ ގޮތުގައި
"ދިލްބަރް" އަށް ފަހު ނޯރާ "ދިލްރުބާ" ގެ ގޮތުގައި

ބެލުންތެރިންގެ އެ ލަވައެއްގެ ޖާދޫގައި ޖައްސައި، ބޮލީވުޑުން ބޮޑު މަޝްހޫރު ކަމެއް ހޯދި ނޯރާ ފަތުހީގެ "ދިލްބަރް" އަށް ފަހު އަނެއްކާ ވެސް އޭނާގެ ހަމަ އެހާ ފޯރިގަދަ ލަވައެއް ދައްކާލައިފި އެވެ.

މޮޅު ނެށުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބަތަލާ "ދިލްރުބާ" ގެ ކެރެކްޓާއެއްގެ ގޮތުގައި ދައްކާލާފައިވާ މި މި ލަވަ އަކީ "ދިލްބަރު" ހިމެނުނު ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު "ސަތިއަމޭޖް ޖަޔަތޭ" ގެ ދެވަނަ ބައިގެ ލަވަ "ކުސޫ ކުސޫ" އެވެ.

ކުރީގެ ލަވައާ އެއްގޮތަށް ކުލަ ގަދަ ސެޓާއި ވިދާ ކޮސްޓިއުމްތަކާއި ބެލީ ޑާންސްގެ އިތުރުން ވެސް ނޯރާގެ ފަރި އެތައް ހަރަކާތްތަކެއް ދައްކުވައިދޭ އާ ލަވަ އަކީ ތަނިޝްގް ބަގްޗީ މިއުޒިކާއި ޅެން ހަދައި، ޒަހްރާ އެސް ޚާނާއި ދޭވް ނޭގީ ކިޔާފައިވާ ލަވައެކެވެ.

"ކުސޫ ކުސޫ" ގެ ނެށުންތައް ތައްޔާކުރީ އާދިލް ޝައިހް އެވެ.

މި ލަވަ ހިމެނޭ ފިލްމު "ސަތިއަމޭވް ޖަޔަތޭ 2" އަކީ މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތާވަލު ކޮށްފައިވާ އެއްޗެކެވެ. ފުރަތަމަ ބައި ވެސް ލިޔެ، ޑައިރެކްޓްކުރި މިލަޕް މިލަން ޒަވޭރީގެ އާ ފިލްމުގައި ޖޯން މި ފަހަރު ފެންނާނީ ޑަބަލް ރޯލަކުންނެވެ. މި ފަހަރު ފިލްމުގެ ބަތަލާ އަކީ އެ ޕްރޮޑިއުސް ކޮށްފައިވާ ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

"ސަތިއަމޭވް ޖަޔަތޭ 2" ގެ ވަރަށް ބޮޑު ހައިލައިޓަކަށްވާނެ ކަމަށް ބެލެވޭ ނޯރާގެ އާ ލަވަ އާންމުންނަށް ދޫކޮށްލި އިރު، މި ފަހުން އޭނާގެ ވިދުން ގަދަކޮށްލި ލަވަތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި "ސްޓްރީޓް ޑާންސާ" ގެ "ގަރުމީ" އާއި ފިލްމު "މަރުޖާވާ" ގެ "އޮ ސާކީ ސާކީ" އާއި "އިސްތިރީ" ގެ ލަވަ "ކަމަރިއާ" ހިމެނެ އެވެ.