މާލޭގައި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދެނީ
މާލޭގައި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދެނީ

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ ހުއްދަ ދޫކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ފަށައިފި އެވެ.

މާލޭގައި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދެނީ
މާލޭގައި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދެނީ

އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ހުއްދަ އަށް އެދޭ ފޯމާއެކު ނައިޓް މާކެޓާއި މަގުމަތީގެ ބާޒާރު އަދި ފެއާތައް ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ތަބާވާނެ ކަން ބަޔާންކޮށް، ސޮއިކޮށްފައިވާ އިގުރާރެއް ވެސް ހުށަހަޅަން ޖެހެ އެވެ.

ކޮވިޑާ ގުޅިގެން މާލޭގައި މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދިނުން އޮތީ މެދުކަނޑާލައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން 2019 ގައި އާންމުކުރި، މަގުމަތީގެ ބާޒާރުތަކާއި ނައިޓް މާކެޓު އަދި ފެއާތަކުގައި އަމަލުކުރަން ޖެހޭ އުސޫލުގައި އޮންނަ ގޮތުން، މި ގޮތަށް ވިޔަފާރި ކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއަކަށެވެ.

ކެއުމުގެ ބާވަތްތައް ވިއްކާ ނަމަ، ރަޖިސްޓަރީ ކުރާ ކުންފުނި ނުވަތަ ޖަމިއްޔާ އިން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނަގާފައިވޭތޯ ކަށަވަރު ކުރަން ޖެހެ އެވެ. އަދި ވިއްކާ ހުރިހާ މުދަލެއްގައި ވެސް އާންމުންނަށް ފެންނާނެހެން އަގު ޖަހައިފައި ހުންނަން ޖެހޭނެ އެވެ.

މަގުމަތީގެ ބާޒާރުތަކުގައި އިމްޕޯޓު މުދާ ވިއްކާ ނަމަ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ވާން ޖެހޭ ގޮތަށް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދޫކުރަނީ ރަށެއްގައި ނަމަ، ރަށު ކައުންސިލުންނެވެ. އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ.