10 ނޮވެމްބަރ 2021 - 09:49

ސަރުކާރުން މި އަހަރު ދޭން ފަށާ، "ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު" ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 117 ބޭފުޅަކަށް ދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ދައުލަަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާނީ، ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ބޭފުޅުންނަށް ދޭ އިނާމެކެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތުގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.
މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދޭ އިނާމެކެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ބާއްވާ ޖަލްސާ އޮންނާނީި ޖުމްހޫރީ މައިދާނުގައި މިރޭ 8:30 ގަ އެވެ.