11 ނޮވެމްބަރ 2021 - 07:03

އެމްޓީސީސީގެ ސީއީއޯ ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، މުވައްޒަފުންނާއެކު އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމެއްގައި އެ މީހުން ފާޅުކުރި ޝުއޫރެއް އާދަމް އާޒިމް ވަކިން ފާހަގަކުރެއްވި އެވެ.

"އެމްޓީސީސީ އަށް ކުރެވޭނީ [އަހަރަކު] އެއް ބިލިއަން ރުފިޔާގެ މަސައްކަތޭ. މިއީ އަޅުގަނޑު އެންމެ ފުރަތަމަ މުވައްޒަފުންނާ ބައްދަލު ކުރި ދުވަހު މުވައްޒަފުން ބުނި ވާހަކައަކީ،" އާޒިމް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ވެސް އޭރު ވިސްނުން ހުރި ގޮތް. ކީއްވެގެންތޯ އަޅުގަނޑުމެންނަށް 10 ބިލިއަން ރުފިޔާގެ ވިޔަފާރި ނުކުރެވެންވީ."

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، އެމްޓީސީސީގެ ސީއީއޯ އާއި އެމްޑީ ކަމާ މިދިޔަ އަހަރުގެ ޖެނުއަރީގައި އާޒިމް ހަވާލުވެ ވަޑައިގަތުމަށް ފަހު، މުޅި ކުންފުނި ވަނީ ބަދަލުކޮށްލައްވައިފަ އެވެ. އެ ކުންފުނީގެ ހުރިހާ ދިމާއަކަށް ބަލައިލިޔަސް، މިހާރު ފެންނަނީ ދިރުމެވެ. ބިޒީ މުވައްޒަފުންތަކެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް ބައިވަރު މަޝްރޫއުތަކެއް ހިންގަމުން ގެންދާ ތަނެވެ. ހަމަ އެހެންމެ، ހިސާބުތަކުން ފެންނަނީ ވެސް މަތީ ނަންބަރުތަކެވެ.

"އެމްޓީސީސީގެ 40 އަހަރުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް [ފައިދާ އަށް] 100 މިލިއަން ރުފިޔާ އެއީ ހަމަ ހެޔޮވަރުގެ އަދަދެއް. އެކަމަކު އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް 200 މިލިއަން ރުފިޔާގެ ފައިދާ ހޯދިން. މި އަހަރު މި ދަނީ 300 މިލިއަން ރުފިޔާގެ ފައިދާއާ ދިމާއަށް،" އާޒިމް ވިދާޅުވި އެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެންނަށް ދެން އަންނަ އަހަރު 350 މިލިއަނަށް، އަނެއް އަހަރު 400 މިލިއަނަށް ވެސް ނުގެންދެވެންވީ."
ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ހިންގުމުގެ ތަޖުރިބާ ހޯއްދަވާފައިވާ، އާޒިމް ގެންގުޅުއްވާ އުސޫލުތަކެއް ހުރެ އެވެ. އެންމެ މުހިންމު ކަމަކީ، އޭނާ ކުރައްވާނެ، އަދި ނުކުރައްވާނެ ކަންކަން މުވައްޒަފުންނަށް ސާފުކޮށް އަންގައިދީފައި އޮތުމެވެ.
"ހުރިހާ މުވައްޒަފުންނަށް ދީފައި އޮންނާނެ ޔަގީން ކަމަކީ އަޅުގަނޑު ނުދާނެ ކަން އަޅުގަނޑު ނިންމަން ޖެހޭ ކަމެއް ނިންމައިފައި ނޫނިއްޔާ. އެހެން ބައެއް ކުންފުނިތަކުގައި ވަރަށް ބޮޑު އާދައެއް ކަންކަން ނުނިންމާ އޮފީހުން ދިއުމަކީ،" އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އާޒިމް ވިދާޅުވި އެވެ.
"ކޮންމެ ކަމަކީ ވެސް ބޮޑުކަމެއް. ކުޑަކުޑަ ކަމެއްގެ ގޮތުގައި އެކަން ބާއްވައިފިއްޔާ އޭތި ދެ ގުނަ ތިން ގުނަވެގެން ފަހުން ދަނީ. އޭގެ ފަހުން އެކަން ހައްލު ނުވެ އޮގަނައިޒޭޝަން ބޮއްސުން ލައިގެން މި ދަނީ. އަޅުގަނޑު ތަނެއް މެނޭޖް ކުރަންޏާ މުވައްޒަފުންނަށް ވެސް ވިސްނައި ދެނީ އެހެން."
ބޮޑު ތިން ކުންފުނި ހިންގެވި އިރު އާޒިމް ތަޖުރިބާ ކުރެއްވި އަނެއް ކަމަކީ، ވެރިންނާއި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިތައް ތަފާތުވުމެވެ. އެއީ އާޒިމް ގަބޫލުކުރައްވާ ކަމެއް ނޫނެވެ.
"އަޅުގަނޑަކަށް ނޯންނާނެ ވެރިންނެއް މުވައްޒަފުންނެއް. އަޅުގަނޑު ދެކެނީ އަޅުގަނޑުގެ ޒިންމާ ކަމަށް ބޮޑީ. މި ތަން [އެމްޓީސީސީ] އޮންނަނީ [ހެނދުނު] އަށެއް ޖަހާއިރު އަންނަން. ކުރިން މި ތަނުގައި އިސް ބޭފުޅުން އަންނާނީ ލަހުން. އެކަމަކު އަޅުގަނޑު ހިންގި އެހެން ތަންތަނެކޭ އެއްގޮތަށް އަޅުގަނޑެކޭ އޮފީހުގެ އެހެން މީހުންނެކޭ މުވައްޒަފުންނެކޭ އެއް ގަޑިއަކަށް އަންނަން ޖެހޭނީ. މި ތަނުގައި މިހާރު އޮންނާނީ އެ އުސޫލު،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެ އުސޫލާ ހިލާފަށް އޭނާ ކަމެއް ނުކުރައްވާނެކަން އެ ތަނެއްގެ މުވައްޒަފުންނަށް އެނގޭނެ އެވެ. އަދި ވިދާޅުވީ އުސޫލާ ހިލާފަށް އެހެން މުވައްޒަފަކު ކަމެއް ކުރުމަކީ ވެސް، ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"އެއީ ކުންފުނީގައި އޮންނަ އުސޫލެއް. އެ ޒިންމާ އަޅުގަނޑު އަދާކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
"އަނެއް ޒިންމާ އަކީ، އަޅުގަނޑުމެންގެ ފަހުން ވެސް މި ކުންފުނި ހިންގަން އަންނަ ބަޔަކަށް މި އަށް ވުރެ ވަރުގަދަކޮށް ކުންފުނި ހަވާލުކޮށްދިނުން. އެކަން ވާނީ މި ތަނުގައި ފެންވަރު ރަނގަޅު ބަޔަކު އުފެއްދިގެން. އެކަންކަން ތަރުތީބު ކޮށްދޭން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ. މުވައްޒަފުން ރަނގަޅު ވެގެން ކުންފުނި ރަނގަޅުވާނީ."
އާޒިމް ވިދާޅުވި ގޮތުގައި ތަރައްގީ ވަމުން އަންނަ ގައުމެއްގައި ކުރާނެ މަސައްކަތް އޮންނާނެ އެވެ. އެމްޓީސީސީ އަކީ، މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާ ހަވާލުވެފައިވާ ކުންފުންޏަށް ވެފައި، އުމްރާނީ ތަރައްގީގެ އެންމެ މުހިންމު މަސައްކަތް ކުރާ ބަޔަކަށް ވާތީ، "ކުރާނެ މަސައްކަތް ހުސްނުވެ އެބައޮތް" ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުރުން ބަލާލާއިރު މީހަކަށް ނޭނގި ހިނގައި ދާނެ ކުރަން އޮތްހާ މަސައްކަތްތަކާއި ކުރާ މަސައްކަތްތައް. އަޅުގަނޑަށް ފެންނަނީ ވަރަށް ބައިވަރު މަސައްކަތް ކުރަން ވެފައި ހުރި ތަން. [މިސާލަކަށް] ބިން އެބަ އިތުރުކުރަން އެބަ ޖެހޭ. ކިތައް ކުދިންތޯ ދުވާލަކު އެ އުފަން ވަނީ. އެ މީހުން ގެދޮރު އެބަ ބޭނުންވޭ،" އާޒިމް ވިދާޅުވި އެވެ.
"މަސައްކަތް ހުސްނުވާ ވަރަށް އެބައޮތް. ބިން ހިއްކަންޏާ މަގުތައް ހަދަން ޖެހޭ. ސްކޫލުތައް ހޮސްޕިޓަލްތައް އަޅަން އެބަހުރި. ދުވަސްކޮޅަކުން ބަނދަރުތައް ކުދިވާނެ. ނަރުދަމާ އާއި ފެން ފޯރުކޮށްދޭން ޖެހޭނެ. މިއީ ނިމުމެއް އޮންނާނެ ކަމެއް ނޫން. މިހާރު މި ހެދި މަގުތައް އަނެއްކާ ވެސް ހަމަ 10-20 އަހަރު ފަހުން އަލުން ހަދަން ޖެހޭނެ ދެއްތޯ. އަދި ކޮބައިތޯ ބޭރު ގައުމުތަކުގައި ކުރެވިދާނެ މަސައްކަތްތައް."
ކުންފުނީގެ މުޅި ހަޔާތުގައި ވެސް ނުކުރާ ވަރަށް މިހާރު މަޝްރޫއުތައް ހިންގަމުން އެބަ ގެންދެ އެވެ. އާޒިމް ވިދާޅުވި ގޮތުގައި، 3000 އަށް ވުރެ ގިނަ މުވައްޒަފުންނާ އެކު އެމްޓީސީސީ މިހާރު އޮތީ ހަމަ މަގަށް އެޅުވިފަ އެވެ.
"މިހާރު ތަފާތަކީ އެމްޓީސީސީއާ ކަމެއް ހަވާލު ކޮށްފިއްޔާ އެކަން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބުން. މީގެ މަދު އަހަރެއްތަކެއް ކުރިން ދުވަސްތަކެއް ދިޔަ އެމްޓީސީސީއާ ކަމެއް ހަވާލުކޮށްފިއްޔާ އެކަން ނުވާނެ ކަމަށް ބުނަމުން ދިޔަ. އެކަމަކު މިހާރު އެކަން އޮތީ އެހެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު އެމްޓީސީސީ އެހާ ބޮޑަށް އަޑިއަޅައިލި މައިގަނޑު އެއް ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ ނުބައި އިންވެސްޓްމެންޓްތަކެއް ކުރުމެވެ.
"އެހެން ދިމާއަށް ދާން ފެށީމާ އެކަމެއް ނުވެ، މި ކަމެއް ނުވެ އެ ކަހަލަ ގޮތަކަށް ދިޔައީ. އެމްޓީސީސީ މިކުރާ ކަމަކީ ބޮޑަށް މެރިން އިންފްރާސްޓްރަކްޗަރު ވަރުގަދަ ކުރުން. ކޮންމެ ކުންފުންޏެއްގައި ވެސް ލިމިޓެޑް ރިސޯސް ހުންނާނީ. އެ ހުންނަ ރިސޯސް އަށް ފޯކަސް ކުރަން ޖެހޭނީ. މިކަން މި ގައުމުގައި ބައިވަރު ކުރަން އޮއްވައި އެހެން ދިމާއަކަށް ދިއުމުގެ ބޭނުމެއް ނެތް،" އާޒިމް ވިދާޅުވި އެވެ.
"މީގެ ކުރިން އެބަހުރި ތިން ހަތަރު އަހަރުން ބަނދަރު ނިންމައިފައި. އެއް ރަށެއްގެ ބަނދަރު ނިމުނީ ނުވަ އަހަރުން."
އާޒިމް ވިދާޅުވި ގޮތުގައި ތަނުގެ ހާލަތު އޮތީ އާންމުންގެ ޝަކުވާ އޮހޭތަނެއްގެ ގޮތުގަ އެވެ. އެ ކުންފުނީގައި ހެދި ހޮޓްލައިނަށް މަހެއްގެ މައްޗަށް 3،500 ކޯލް އަންނަ ކަމަށް ވިދާޅުވި އެވެ. ސައިޓްތައް އެހާ ނުތާހިރެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ކަހަލަ ކަންތައްތަކަށް އަޅައިނުލެވި "ޒަމާންތަކެއް ހިނގައްޖެ" އެވެ.
"އަޅުގަނޑުމެންގެ ޕްރޮޖެކްޓްސް އޭރިއާ [މިހާރު] ވަރަށް ބޮޑަށް ރަނގަޅު ކުރެވިއްޖެ. ހަމައަކަށް ނޭޅެނީ އަދިވެސް ފެރީތައް. އެހެން ހަގީގަތުގައި ވެފައި އޮތީ އެމްޓީސީސީ އަކަށް ނެތް [ދަތުރުފަތުރުގެ] ފުރިހަމަ ކޮންޓްރެކްޓެއް ހެދިފައެއް. ކޮންމެ ސީއީއޯއެއް ވެސް ވިސްނާނީ ވީހާ ވެސް ކުޑަ ހަރަދަކުން ތަން ހިންގަން. އެގޮތަށް މި ތަން ކުރިން ވެސް ހިންގައިފައި އޮތީ. ކޮންޓްރެކްޓެއް ނެތީމާ އެ ކަމަކަށް އިންވެސްޓެއް ނުކުރޭ."
އެ މައްސަލަ ހައްލު ކުރުމަށްޓަކައި، އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރާ ވާހަކަ ދައްކައިގެން، 50 އަހަރަށް ދަތުރުފަތުރުގެ އެއްބަސްވުމެއް މިހާރު ވާނީ ހަދައިފަ އެވެ.
"އަޅުގަނޑު ނެތަސް ދެން އަންނަ ބޭފުޅަކަށް ވެސް މިހާރު މަޖުބޫރުވާނެ މި ތަނުގެ ޓްރާންސްޕޯޓް ނިޒާމު ވަރުގަދަ ކުރަން،" އާޒިމް ވިދާޅުވި އެވެ.
ވޭތުވެދިޔަ ދެ އަހަރު ކުރި އިންވެސްޓްމަންޓްތަކާ އެކު އެމްޓީސީސީ މިހާރު އޮތީ، އާޒިމް ވިދާޅުވި ގޮތުގައި، ބިން ހިއްކުމުގެ 100 މަޝްރޫއު އެއްފަހަރާ ހިންގޭ ވަރުގެ ގާބިލްކަން މަތީގަ އެވެ. އޭނާ ވިދާޅުވީ، މިހާރު 70 މަޝްރޫއެއް ހިންގަމުން އަންނަ އިރު އެއީ މި ވަގުތު އެމްޓީސީސީގެ ގާތްގަނޑަކަށް ފުލް ކެޕޭސިޓީ ކަމަށެވެ.
"އެކަމަކު، ވިއްޔާ އެއްފަހަރާ 100 ބަނދަރު ހެދުމުގެ ގާބިލްކަން މިއަދު އެމްޓީސީސީގައި އެބަހުރި. އަދި މިހާރު ވެސް އިމަޖެންސީއެއް ދިމާވެގެން ތަނެއް ކުއްލިއަކަށް ކޮންނަން ޖެހިއްޖިއްޔާ އެ ގާބިލްކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީ އަކީ ކުރިމަގު އޮތް އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވިދާނެ ކުންފުންޏެއް ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނީ ކުދި ކަންކަން ދޫކޮށްފައި މިކަން ފުޅާކުރަން. އޭރުން ވަރަށްް ބޮޑު ވިޔަފާރިއެއް ކުރެވިދާނެ. މިގޮތަށް މިހާރު ފޯކަސްކޮށްގެން ކޮށްފިއްޔާ ބޮސްކާލިސް، ހޯގާޑް ކަހަލަ ކުންފުނިތައް ގެންނާކަށް ނުޖެހޭނެ. މިހާރު ވެސް ނުހުންނާނެ ބްރިޖް ކަހަލަ ބޮޑެތި މަޝްރޫއުތައް ނޫނީ އެމްޓީސީސީ އަށް ނުކުރެވޭނެ ކަމެއް. އޭރުން ބޭރު ކުންފުނިތަކުން ކުރާ އަގުގެ 50 ޕަސެންޓް އަގުހެޔޮކޮށް އަޅުގަނޑުމެންނަށް ކޮށްދެވޭނެ."
އާޒިމް ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ނިންމައި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭ ވަރުގެ ބޮޑު ކުންފުންޏަކަށް ހެދުން ކަމަށެވެ. މިހާރު ވެސް އޭގެ ޕްލޭންތައް ހަދަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަންކަން ދެން އަންނަ މެނޭޖްމަންޓާއި ބޯޑުން ސަސްޓެއިން ކޮށްފިއްޔާ، އެއީ ޝައްކެއް ނެތް ކުރެވޭނެ ކަމެއް. އެ ޕޮލިސީތައް ހުންނާނީ ލިޔެވިފައި،" އާޒިމް ވިދާޅުވި އެވެ.
"ބޮޑު ޖަޔަންޓް އޮނައިޒޭޝަނަކަށް މިތަން ބަދަލުވާނެ."