ބޮޑު ލީޑެއް އޮތަސް، މެޗު ނިންމައިނުލަން ދަސްކުރަން ޖެހޭ: ގައުމީ ކޯޗު
ބޮޑު ލީޑެއް އޮތަސް، މެޗު ނިންމައިނުލަން ދަސްކުރަން ޖެހޭ: ގައުމީ ކޯޗު

ބޮޑު ލީޑެއްގައި އޮތަސް، މެޗުގެ ފަހު ކަށިގަނޑު ފުމެލުމުން ނޫނީ މެޗު ނިންމާލުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް މިއަދު ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން އެނގިގެން ހިނގައްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗިސްކޯ މޮރިއޭރޯ ބުނެފި އެވެ.

ބޮޑު ލީޑެއް އޮތަސް، މެޗު ނިންމައިނުލަން ދަސްކުރަން ޖެހޭ: ގައުމީ ކޯޗު
ބޮޑު ލީޑެއް އޮތަސް، މެޗު ނިންމައިނުލަން ދަސްކުރަން ޖެހޭ: ގައުމީ ކޯޗު

އަވަށްޓެރި ސްރީ ލަންކާގައި މިއަދު ފެށި، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖެ އިން 4-0 ގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު 30 މިނިޓުގަ އެވެ.

މިދިޔަ މަހު ރާއްޖޭގެ ކޯޗުކަމަވާލުވެ، އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗަށް ފަހު މޮރިއޭރޯ ބުނީ، މެޗުގެ 60 ވަނަ މިނިޓާ ހަމައަށް ރާއްޖެއިން ކުޅުނީ ވަރަށް ރަނގަޅު ގޭމެއް ކަމަށެވެ. އެކަމަކު މެޗުން މޮޅު ނުވެވުނީ 60 މިނިޓާ ހަމައިން މެޗު ނިންމާލުމަށް ކުޅުންތެރިންގެ ވިސްނުން ގެންގުޅުނު ހިސާބުން ކަމަށް އޭނާ ބުންޏެވެ. މޮރިއޭރޯ ބުނީ އެކަހަލަ ގޮތަކަށް މެޗު އެއްވަރުވެގެން ދިއުމުން މެޗާ ބެހޭގޮތުން ވާހަކަ ދައްކަން ވެސް އޭނާ އަށް އުނދަގޫ ކަމަށެވެ.

"މި މެޗުން އަހަރެމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ މެޗު ނިންމާލަން ޖެހޭނީ ރެފްރީގެ ފަހު ކަށިގަނޑަށް ފަހުގައިކަން. އޭގެ ކުރިން މެޗު ނިންމާލަން ވިސްނައިގެން ނުވާނެކަން،" އިޓަލީގެ އިންޓަ މިލާނަށް ކުރިން ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

"އަހަރެންގެ ކުޅުންތެރިންނާ ދިމާލަށް އެއްވެސް އެއްޗެއް އަހަރެން ނުބުނާނަން. ސަބަބަކީ 60 މިނިޓް ވަންދެން އެކުޅުންތެރިން ވަރަށް ރަނގަޅު ގޭމެއް ކުޅުނު. ކުޅުންތެރިންގެ ކިބައިގައި ބުންވަރު ހުރިއިރު ދުވެގެން ބޯޅަ ހޯދައިގެން ވަރަށް ރަނގަޅަށް ކުޅުނު."

މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވެސް މޮރިއޭރޯ ދެއްކީ ދިވެހި ޓީމުގެ ފިޒިކަލް އާއި ޓެކްޓިކަލް ކުރިއަރުވަން ޖެހޭ ވާހަކަ އެވެ. މިއަދުގެ މެޗަށް ފަހު ވެސް އޭނާ ވަނީ އެ ވާހަކަ ތަކުރާރު ކޮށްފަ އެވެ.

"މިސާލަކަށް 6-0 އިން އަހަރެމެން މޮޅުވި ނަމަ ވެސް ޓީމުގެ ފިޒިކަލް ލެވަލް ކުރިއަރުވަން ޖެހޭ ވާހަކަ އަހަރެން ދައްކާނަން،" މޮރިއޭރޯ ބުންޏެވެ.

"ކުރިން ވެސް އަހަރެން ބުނިހެން އަހަންނަކީ ޖާދޫގަރެއް ނޫން. މެޗުގެ ފުރަތަމަ 60 މިނިޓްގައި އަހަރެމެންނަށް އެހާ ރަނގަޅު ގޭމެއް ކުޅެވުމަކީ މިދިޔަ 10 ވަރަކަށް ދުވަހު އަހަރެމެން ކުރި މަސައްކަތުގެ ނަތީޖާ. އެހެންވީމަ އަދިވެސް އަހަރެމެން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން އެނގިއްޖެ."

އޭނާ ބުނިގޮތުގައި ފުރަތަމަ 60 މިނިޓްގައި ޓީމުން ދެއްކި ކުޅުމާ އެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭ ވަރުގެ ޓީމަކަށް ދިވެހި ޓީމު ބަދަލު ކުރެވޭނެ އެވެ.

"އަހަރެން ވައުދުވަން މެޗަކަށް ފަހު މެޗެއްގައި ކުޅުން ވެސް ރަނގަޅު ކުރަން. އެއީ މި ޓީމުގައި އެބަތިވި ވަރަށް މޮޅު ކުޅުންތެރިންތަކެއް. އިތުރު ކުރިއެރުން ހޯދޭނެ ފެންވަރު މި ޓީމުގައި އެބަހުރި."

ރާއްޖެ އަށް ދެން އޮތީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ރާއްޖޭ ގަޑިން ހަވީރު 3:30 ގަ އެވެ. މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ބަންގްލަދޭޝް ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.