ބަންގްލަދޭޝް މުބާރާތުގެ ކުއާޓާ ފައިނަލަށް މައިސާ ދަތުރުކޮށްފި
ބަންގްލަދޭޝް މުބާރާތުގެ ކުއާޓާ ފައިނަލަށް މައިސާ ދަތުރުކޮށްފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ މައިސާ ފަތުހުﷲ ދަތުރުކޮށްފި އެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އަންހެން ކުޅުންތެރިޔަކު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އުމުރުން 17 އަހަރުގެ މައިސާ ވަނީ މިދިޔަ ހަފްތާގައި ނިމުނު ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން ސިންގްލަސް އިވެންޓުގެ ވެސް ކާމިޔާބު ކޮށްފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ގައުމީ މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން އަންހެން ކުޅުންތެރިޔާ އަށެވެ.

މި މުބާރާތުގައި މައިސާ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ބަންގްލަދޭޝްގެ އުރްމީ އަކްލާއާ ވާދަކޮށެވެ. މައިސާ މި މެޗުން މޮޅުވީ 21:10، 21:13 އިންނެވެ. ދެ ވަނަ މެޗުގައި ނޭޕާލްގެ ސުނައިނާ މުކިޔާގެ މައްޗަށް ކުރިހޯދީ 21:13، 21:15 އިންނެވެ. ކުއާޓާ ފައިނަލުގައި މައިސާ މާދަމާ ނުކުންނާނީ ވިއެޓްނާމްގެ ތައި ލިިންއާ ދެކޮޅަށެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަނެއް އަންހެން ކުޅުންތެރިޔާ ނަފްހާ ނަސްރުﷲ ވަނީ ފުރަތަމަ މެޗުން ބަލިވެ ސިންގަލްސް ބައިން ކަޓައިފަ އެވެ. ނަފްހާ ބަލިވީ ބަންގްލަދޭޝްގެ ދުލަލީ ހައިދަރާ ވާދަކޮށެވެ. ދުލަލީ ސެޓުތައް ގެންދިޔައީ 21:10. 21:08 އިންނެވެ.

ފިރިހެން ސިންގަލްސް އިވެންޓުގައި ޒަޔާން ޒަކީ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ.