ހެއްކަށް އެވިޑެންސް ނަމްބަރު ދީފައި ނެތުމުން ބޭރުކުރި ދައުވާއެއް ބަލަން ހައި ކޯޓުން އަންގައިފި
ހެއްކަށް އެވިޑެންސް ނަމްބަރު ދީފައި ނެތުމުން ބޭރުކުރި ދައުވާއެއް ބަލަން ހައި ކޯޓުން އަންގައިފި

ބައެއްގެ އަތުން ފެނުނު ކަތިވަޅިއަކާއި ކޯރާޑިއަކަށް ތަހުގީގު މަރުހަލާގައި ފުލުހުން އެވިޑެންސް ނަމްބަރުތަކެއް ދީފައި ނެތުމުން މައްސަލަ ނުބެލޭނެ ކަމަށް ނިންމި ނިންމުމެއް ހައި ކޯޓުން ބާތިލުކޮށްފި އެވެ.

މއ. ވިރާހު، އަހުމަދު އާސިފާއި ދ. މީދޫ، ފެހިވިލާ، ހައްމާމު ރަޝާދުގެ މައްޗަށް މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ، ނޮވެމްބަރު 27، 2019 ގައި މާލޭގައި ބަޔަކު މާރާމާރީ ހިންގަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް، އެ ދެ މީހުން ބަލައި ފާސް ކުރިއިރު ދެ މީހުން އަތުން ވެސް ހަތިޔާރު ފެނުމުންނެވެ.

އާސިފްގެ ޖީބަަށް ޖަހާފައި އޮއްވައި ފެނުނީ ކުޑަ ކޯރާޑިއެކެވެ. ހައްމާމްގެ ޖީންސުގެ ތެރޭގައި ކަތިވަޅިއެއް ފޮރުވާފައި އޮއްވައި ފެނުނެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާ، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ބޭރުކޮށްލެއްވީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހަޅުންތަކާ މެދު ގޮތެއް ނިންމަވަމުންނެވެ. ކަތިވަޅި އާއި ކޯރާޑިއަށް އެވިޑެންސް ނަމްބަރު ދީފައި ނެތުމުން އެ ހެކި ބަލައިނުގަނެވޭނެ ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަނަ މާއްދާގައި ބުނާ ފަދަ ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ފަދަ ދިފާއެއް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަމަކު، ދައުލަތުން ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގައި ފާހަގަކުރީ، ވަކި ހެއްކެއް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމަކީ، އެ މާއްދާގެ ދަށުން އެ މައްސަލައެއް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ފަދަ ދިފާއެއް ނޫން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެކެވެ.

ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއުތައް ހައި ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި ފާހަގަކޮށްފައިވެ އެވެ. އަދި ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކުރީ މި މައްސަލައިގައި އެފަދަ އެއްވެސް ދިފާއެއް ދައުވާ ލިބޭ މީހުން ހުށަހަޅާފައި ނެތް ކަމެވެ.

އެހެންވެ، އެފަދަ ދިފާއެއް ނެތި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަނަ މާއްދާއަށް ރިއާއަތްކޮށް ކްރިމިނަލް ކޯޓުން މައްސަލަ މައުޟޫއީ ގޮތުން ނުބެލޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވަން ހުކުމް ކުރި އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަ ކުރީ އާސިފާއި ހައްމާމްގެ އަތުން ފެނުނު ހަތިޔާރު ފުލުހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔަ ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރިޔަސް އެ ކަތިވަޅިއަށް އެވިޑެންސް ނަމްބަރެއް ފުލުހުން ދީފައި ނެތް ކަމެވެ. އެއީ ޖިނާއީ މައްސަލަތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވައިދާއި ޕްރޮސެކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވައިދާ ހިލާފަށް، ނުކޮށް ދޫކޮށްލި ކަމެއް ކަމަށް އެ ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި، ފަހުން ރަނގަޅު ނުކުރެވޭނެ އިޖުރާއަތްތަކެއް ފާހަގަކޮށްފައި ވާއިރު މިއީ އެފަދަ އިޖުރާއަތެއް ކަމަށް އެ ނިންމުމުގައިވެ އެވެ. މި އިޖުރާއަތަކީ ހެކި ހޯދުމާ ގުޅޭ އިޖުރާއަތަކަށްވާއިރު މިކަމުން ސީދާ މައްސަލައިގެ މައުޟޫއަށް އަސަރު ކުރާނެ ކަމަށާއި އަދި އެއީ ކްރައިމް ސީންގައި ހަދާފައިވާ ގޯހެއް ކަމަށް ކަނޑައެޅިއްޖެ ނަމަ އެކަން އަލުން އިސްލާހުކުރަން ފުރުސަތު ނުލިބޭނެ ކަމަށް އޭނާގެ ނިންމެވުންތަކުގައިވެ އެވެ.