09 ނޮވެމްބަރ 2021 - 13:47

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ނެތިގެން އުޅެނީ ކަޅު ކޮތަޅުގައި މުލީއާގެއަށް ގެންދާނެ ފައިސާ ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ރައްދު ދެއްވައިފި އެވެ.
ބަޖެޓް ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ބަޖެޓްގައި ފައިސާ ނެތް ކަމަށާއި ދަރަނި މާ ބޮޑު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ބަޖެޓް ބަހުސްގައި ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މުސްތަގުބަަލަށްޓަކައި ކުރަން ޖެހޭ އެތައްް ހާސް ކަމަކަށް ބަޖެޓްގައި ފައިސާ ހިމަނާފައި އެބަހުރި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ނެތީ "ކަޅު ކޮތަޅަކަށް އަޅައިގެން މުލިއާގެއަށް ގެންދަން ޖެހޭ" ފައިސާ ކަމަށް ވިދާޅުވި އެވެ. ކަޅު ކޮތަޅުގައި ފައިސާ ގެންދިޔަ ކަމަށް ކުރެއްވި ތުހުމަތާ އެކު ރޮޒައިނާ ވިދާޅުވީ ބަޖެޓްގައި ސީދާ އަދަދުގެ ގޮތުގައި ފެންނަން ނެތަސް، މިދިޔަ ފަސް އަހަރު އެކަން އެގޮތަށް ހިނގާފައިވާ ކަމަށެވެ.
"މި ބަޖެޓްގައި ނެތް އެއްޗަކީ ކަޅު ކޮތަަޅަކަށް އަޅައިގެން މުލިއާގެއަށް ގެންދަން ޖެހޭ ފައިސާގެ އަދަދުތައް. މިއީ އަޅުގަނޑުމެންނަށް މިދިޔަ ފަސް އަހަރު، ބަޖެޓްގައި ސީދާ އަދަދުތަކެއްގެ ގޮތުގައި ފެންނަން ނެތް ކަމުގައި ވިޔަސް ހިނގައިގެން ދިޔަ ކަންތައްތައް ކަން އަޅުގަނޑުމެންނަށް ޔަގީނުން އެނގެން އޮތް ކަންތައްތައް،" ރޮޒައިނާ ވިދާޅުވި އެވެ.
ލޯނުގެ ގޮތުގައި ހޯދަން ބަޖެޓްގައި ހިމަނާފައިވާ ފަައިސާގެ އަދަދުތަކާ ގުޅުވައި، އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ ޕީޕީއެމް ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނެގި އިރު، އޭނާގެ ދާއިރާއަށް ކުރި ހަމަ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެ ދާއިރާގައި ބަނދަރުތައް ހަދަން ބަޖެޓްގައި ހިމަނައި، އެ މަސައްކަތް ކޮށް ނިންމާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.