09 ނޮވެމްބަރ 2021 - 12:44

ރާއްޖެެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވައި ގަދަވެފައި ކަނޑުތައް ވެސް ގަދަވާނެ އެވެ.
އެހެންވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ކަނޑު މައްޗަށް އެރުމުގެ ކުރިން ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކަށަވަރުކުރުމަށް އެދިފަ އެވެ.
ސްރީ ލަންކާ ކައިރިން ބޭ އޮފް ބެންގަލްގައި އުފެދުނު ލޯ ޕްރެޝަރުގެ އަސަރު ރާއްޖެއަަށް ކުރާނެ ކަމަށް މީގެ ކުރިން ވެސް މެޓުން އޮތީ ބުނެފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މި ވަގުތު އެލާޓެއް ނެރެފައެއް ނެތެވެ. އެކަމަކު އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ އެވެ. އެ ސަރަހައްދަށް ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
މެދުތެރެއާއި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެ އެވެ.
މެޓުން ބުނި ގޮތުގައި ރާޅުގެ އުސްމިން އުޅެނީ 3-7 ފޫޓާ ދެމެދުގަ އެވެ. މެދުތެރެ އާއި ދެކުނުގެ ކަނޑުތައް ގަދަވި ނަމަވެސް އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.