07 ޑިސެމްބަރ 2016 - 18:51

ޓީވީއެމުން ގެނެސްދިން ހަބަރެއްގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހެޅި މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.
އެ މައްސަލަ ނިންމައި، ބްރޯޑްކޮމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އަބުރާ ބެހުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޔާރު މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް ދީފައި އޮތް ނަމަވެސް، އަބުރުގެ ދައުވާކުރަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫނާއި ނަޝީދު ޓްވިޓާގައި އާއްމުކޮށް އިއުލާން ކުރައްވާފައިވާ ކަމަށް އެ ކޮމިޝަނުން ބެލިބެލުން އެނގިފައިވާ ކަމަށެވެ.
އެހެންވެ، ކުރީގެ އެ ދެ ރައީސުން އަމިއްލަފުޅަށް މައްސަލަ ހުށަހަޅުއްވާފައި ނުވާތީ އާއެކު ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް ނުފެންނަ ކަމަށް، ކޮމިޝަންގެ މެމްބަރުން އިއްތިފާގު ވެފައިވާ ކަމަށް ބަޔާނުުގައި ވަނީ ބުނެފަ އެވެ.
ދައުލަތުގެ މީިޑިއާއިން ރައީސް މައުމޫނާއި ނަޝީދުގެ އަބުރު ކަތިލި ކަމަށް ބުނެ އެ މައްސަލަ ކުރިން ވަނީ، ޕީޕީއެމްގެ ސަޕޯޓަރަކު ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.
އެކަމަކު އޭނާ ފަހުން ވަނީ، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ފުލުހުންނަށް އޭނާ ސިޓީއެއް ފޮނުވި އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދު އޮވެގެން، ސަރުކާރުން ފާސްކުރި އާ ގާނޫނުގެ ދަށުން އަބުރުގެ ދައުވާކުރަން ބޭނުންފުޅު ނުވާ ކަމަށް މައުމޫނާއި ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
އަބުރާ ބެހުމުގެ ގާނޫނު، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ދުވަހުގެ ރޭ މައުމޫނާއި ނަޝީދުގެ އަބުރަށް ހުތުރުވާ ގޮތަށް ޕީއެސްއެމުން ރިޕޯޓެއް ގެނެސްދިނީ އެ ދެ ބޭފުޅުން ކުރެއްވި ޓުވީޓެއްގެ މާނަ އޮޅުވާލައިގެންނެވެ. އެ ރިޕޯޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ވެބްސައިޓުން ފަހުން ވަނީ ރިޕޯޓް ނަގައިފަ އެވެ.