09 ނޮވެމްބަރ 2021 - 10:35

ނިއުކާސަލް (ނޮވެމްބަރު 9) - ވިޔަރެއާލްގެ ކޯޗު އުނައި އެމެރީ ނިއުކާސަލް ޔުނައިޓެޑާ ހަވާލުވާން އެއްބަސް ނުވުމުން އެ ކްލަބުގެ ކޯޗަކަށް އެޑީ ހޯވް ހަމަޖައްސައިފި އެވެ.
އެޑީ ހޯވް، 43، އެންމެ ބޮޑަށް ފާހަގަވެފައި ވަނީ އިނގިރޭސި ފުޓުބޯޅައިގެ ތިންވަނަ ޑިވިޝަނުން ފެށިގެން ޕްރިމިއާ ލީގާ ހަމައަށް ބޯންމައުތު ގެންގޮސްދިން ކޯޗުގެ ގޮތުގަ އެވެ. ސީޒަންގެ މެދުތެރެއިން އޭނާ ކޯޗަކަށް ހަމަޖެއްސުމުގައި ނިއުކާސަލް އިން އޭނާގެ ނަމަށް އިސްކަންދިން ސަބަބަކީ ވެސް ބޯންމައުތުގައި އޭނާ ކުރި މަސައްކަތެވެ.
ހޯވް ބުނީ އޭނާ އަށް އިތުބާރުކޮށް ނިއުކާސަލްއިން އޭނާ އަށް ފުރުސަތު ދިން ދުވަހަކީ އޭނާ އާއި އޭނާގެ އާއިލާ އަށް އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. ސައުދީ އަރަބިއާގެ ވަލީއަހުދު މުުހައްމަދު ބިން ސަލްމާންގެ 80 ޕަސެންޓް ހިއްސާ އޮތް ކްލަބުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެމެރީ ގެނައުމަށެވެ.
ވިޔަރެއާލްގެ ކޮންޓްރެކްޓްގައި ހުއްޓައި އެމެރީ ގެންނަން ބަދަލުގެ ގޮތުގައި ދޭންޖެހޭ އަށް މިލިއަން ޑޮލަރު ދިނުމަކީ ނިއުކާސަލްގެ މިހާރުގެ ވެރިންނަށް ދަތިކަމަކަށް ނުވާނެ އެވެ. ނަމަވެސް އެ ކްލަބުގެ ހުށަހެޅުމަށް އެމެރީ ދީލައެއް ނުލި އެވެ. އޭނާ ނިންމީ ވިޔަރެއާލްއާ އެކު ކުރިއަށް ދިއުމަށެވެ.
"އެމީހުން (ނިއުކާސަލް) އިން ވަނީ ޝައުގުވެރިވާކަން ފާޅުކޮށްފައި، އެކަމަކު އަހަރެން ބުނިން ނޫނެކޭ،" އާސެނަލް އަށް ކުރިން ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
ނިއުކާސަލްގެ ކޯ އޯނަރު އަމަންޑާ ސްޓޭވްލީ ވިދާޅުވީ ކޯޗަކު ހަމަޖައްސަން ނިއު ކާސްލްއިން ކުރިއަށް ގެންދިޔައީ ވަރުގަދަ ރެކްރޫޓްމަންޓެއް ކަމަށެވެ. އޭގެ ތެރެއިން އެޑީ ހަމަޖެއްސީ ބޯންމައުތުގައި އޭނާ ކޮށްފައިވާ އިންގްލާބީ މަސައްކަތުގެ ސަބަބުން ކަމަށް އިނގިރޭސި އަންހެން މަހުޖަނު ސްޓޭވްލީ ވިދާޅުވި އެވެ.