މެޝިންތަކަކަށް މައްސަލައެއް ދިމާވެ، އައިޖީއެމްއެޗްގައި ލޭގެ ޓެސްޓު ހެދުން ހުއްޓުމަކަށް!
މެޝިންތަކަކަށް މައްސަލައެއް ދިމާވެ، އައިޖީއެމްއެޗްގައި ލޭގެ ޓެސްޓު ހެދުން ހުއްޓުމަކަށް!

ލޭގެ ޓެސްޓު ހައްދަން އައިޖީއެމްއެޗުގައި ބޭނުންކުރާ މެޝިންތަކަކަށް މައްސަލައެއް ދިމާވެ، އެ ޓެސްޓުތައް ހެދުން ވަގުތީ ގޮތުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ތަނުގެ ލެބޯރެޓަރީން ދޭ އައުޓްޕޭޝަންޓުންގެ ލޭގެ ޓެސްޓުތައް ހަދަން ބޭނުންކުރާ "އެލިނިޓީ ސީއެލް" މެޝިންތަކަށް ދިމާވެދާނެ ކަމަށް ކުރިން ލަފާކޮށްފައި ނެތް މައްސަލައެއް ދިމާވެގެން ޓެސްޓުތައް ހެދުން މަޑުޖެހިފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ހައްލު ކުރެވެންދެން މާދަމާ އިން ފެށިގެން އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތަކާއި އެހެން ހޮސްޕިޓަލުތަކުން އައިޖީއެމްއެޗަށް ފޮނުވާ ލޭގެ ޓެސްޓުތައް ކުރުން މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

މިއަދު ޓެސްޓު ހަދަން ސާމްޕަލް ނެގި މީހުންގެ ޓެސްޓު ވެސް މި ވަގުތު ނުހެދޭނެ ކަމަށާއި އެކަން ބަލި މީހުންނަށް އަންގަމުންދާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.

އެކަމަކު، އެ ހޮސްޕިޓަލުން ބުނާގޮތުގައި "ވިނަވި" ހިދުމަތް ފޯރުކޮށްދޭ ކޮންމެ ލެބޯރެޓަރީއަކުން ވެސް ލޭގެ ޓެސްޓު ހެއްދޭނެ އެވެ.

މެޝިނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ހޮސްޕިޓަލުގެ ފަންނީ ޓީމުން ހުއްޓުމެއް ނެތި މައްސަކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.