08 ނޮވެމްބަރ 2021 - 23:55

އިބްރާހިމީ މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އެކަން ކުރި ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެ އެވެ.
މީގެ ކުރިން ދެ މިސްކިތަކަށް އަރައި ކުޑަކަމު ވެސް ދިޔަ ހަސަން ޒިޔާދު، 40، ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކުރީ އިއްޔެ އެވެ. މި ކުށަށް އޭނާ އެއްބަސްވީ މިއަދު ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުންނެވެ.
ހަސަން ޒިޔާދު ކުށަށް އިއުތިރާފްވެ އަދި ފުލުހުން ވެސް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަށް ބަލައި ގާޒީ އަލީ އާދަމް ވަނީ ތަހުގީގަށް ބަންދުގައި ބަހައްޓަން 10 ދުވަސް ދީފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ހަސަން ޒިޔާދަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. އޭނާ ބަންދުގައި ބަހައްޓަން ނިންމެވި ސަބަބުތަކުގެ ތެރޭގައި، އޭނާ އަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށްވުން ވެސް ހިމެނެ އެވެ.
ހަސަން ޒިޔާދަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ފުލުހުން ބުނެފައި ވިޔަސް ފަހުން ޓެސްޓްތައް ހެދުމަށް ފަހު އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. ޖެންޑާ މިނިސްޓްރީން ވެސް ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަނުވާ ކަމަށް ބުނެފަ އެވެ.
މި މީހާ ހަތިމަކަށް ކުޅުޖެހީ މިސްކިތްތަކަށް ކުޑަކަމުދިޔަ މައްސަލާގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ދައުވާކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓަ އެވެ. ނަމަވެސް ޕީޖީ އޮފީހުން މިހާރު ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަލުން އެކަންކަން ރަނގަޅުކުރަން މައްސަލަ އަލުން ޕޮލިހަށް ފޮނުވައިފަ އެވެ.