މިސްކިތަށް ކުޑަކަމުދިޔަ މީހާ އަށް ފިޔަވަޅު އަޅަން އިދިކޮޅުން ގޮވާލައިފި
މިސްކިތަށް ކުޑަކަމުދިޔަ މީހާ އަށް ފިޔަވަޅު އަޅަން އިދިކޮޅުން ގޮވާލައިފި

މިސްކިތަށް ކުޑަކަމުދިއުމުގެ އިތުރުން ހަތިމަށް ކުޅު ޖެހި މީހާ ދިފާއުނުކޮށް، އޭނާ އަށް ފިޔަވަޅު އަޅަން އިދިކޮޅު ކޯލިޝަނުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

މިދިޔަ އޮކްޓޯބަރު ތިން ވަނަ ދުވަހު މީހުން ނަމާދަށް ތިބި ވަގުތުގައި މާލޭގެ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު 40 އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްފައި ހުއްޓައި ވަނީ އިއްޔެ މިސްކިތެއްގެ ތެރޭގައި ހަތިމަކަށް ކުޅު ޖަހައިފަ އެވެ.

މި މައްސަލަތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ޒިޔާދު ދިފާއު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ސަރުކާރުގެ ފަރާތުން އޭނާ ދިފާއު ކުރުމަށް ދައްކާ ވާހަކަތައް ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޒިޔާދަކީ ނުކުޅެދުންތެރިކަން ހުރި މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، ފަހުން ޖެންޑާ މިނިސްޓްރީއިން އެކަން ބެލުމަށް ފަހު މިއަދު ބުނީ އެއީ ނަފްސާނީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ އެ މީހާ މިހާރުން މިހާރަށް ހައްޔަރުކޮށް، އޭނާ އަށް އަދަބު ދިނުމަށް ގޮވާލައިފަ އެވެ.

"ދީނަށް ފުރައްސާރަކޮށް މާތްﷲގެ ކަލާންފުޅަށް ކުޅު ޖަހައި ހެދި މީހެއްގެ ދިފާއުގައި ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، އެ މީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެ މީހާ އަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގައި އެ މީހާ އަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު، ބައެއް ކަންކަން ރަނގަޅު ކުރުމަށް ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.