08 ނޮވެމްބަރ 2021 - 19:43

ދަންޖެހިގެން މަރުވި ކަމަށް ބުނި ފިލިޕީންސްގެ ނަރުސް މަރުވީ އެއްޗަކުން ޖެހިގެން ލިބުނު އަނިޔާއަކުން ކަމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމަށް ފަހު ފުލުހުން މިރޭ ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އެ އަންހެން މީހާގެ މަރު ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. ނަމަވެސް ޝައްކުކުރެވޭ ކަންތައްތަކެއް ފެނި، ތުހުމަތުގެ އިނގިލި އަމާޒުވެފައި ވަނީ ފިލިޕީންސްއަށް ނިސްބަތްވާ މޭރީގެ ފިރިމީހާ މާވިން އަށެވެ.
މޭރީ މަރުވި ސީދާ ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ އެއް ވަނަ ދުވަހު އޭނާގެ ހަށިގަނޑު ވަނީ އިންޑިއާއަށް ފޮނުވާފަ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށް މިހާރު ނުބެލެވޭ ކަމަށެވެ. އަދި އޭނާ މަރުވީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗަކުން ޖެހުމުން ލިބޭ ފަދަ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގައި މާވިންއާ މެދު ޝައްކު އުފެދުނީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުން ފެންނަން ނެތުމެވެ. އަދި ފުލުހުން އެ ގެއަށް ދިއުމުގެ ކުރިން މާވިން ވަނީ އޭނާގެ އަންހެނުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މޭރީގެ މަރާ ގުޅިގެން މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27ގަ އެވެ. އޭނާ މިހާރު ހުރީ 15 ދުވަހުގެ ބަންދެއްގަ އެވެ.