ނިލަންދޫގައި ޒުވާނަކު ރުކަކުން ވެއްޓި ފައި ބިނދި، އިތުރު ސީރިއަސް އަނިޔާތަކެއް!
ނިލަންދޫގައި ޒުވާނަކު ރުކަކުން ވެއްޓި ފައި ބިނދި، އިތުރު ސީރިއަސް އަނިޔާތަކެއް!

ފ. ނިލަންދޫގައި ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް މިއަދު ވެއްޖެ އެވެ.

ނިލަންދޫގައި ޒުވާނަކު ރުކަކުން ވެއްޓި ފައި ބިނދި، އިތުރު ސީރިއަސް އަނިޔާތަކެއް!
ނިލަންދޫގައި ޒުވާނަކު ރުކަކުން ވެއްޓި ފައި ބިނދި، އިތުރު ސީރިއަސް އަނިޔާތަކެއް!

އެ ރަށު އަހިމާގޭ އަހުމަދު އިރުފާން، 22 ވެއްޓުނީ ނިލަންދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގޯއްޗެއްގެ ރުކަކަށް އަރައި ހުއްޓައި މިއަދު ހެނދު 9:30 ހާއިރު އެވެ.

ކައުންސިލްގެ ރައީސް އަލީ އަހުމަދު "މިހާރު" އަށް ވިދާޅުވީ އިރުފާން ވެއްޓުނީ 50 ވަރަކަށް ފޫޓު ހުންނަ އެ ރުކުގެ އެންމެ މަތީގައި ހުއްޓާ ކަމަށެވެ.

އަލީ އަހުމަދު ވިދާޅުވީ، އިރުފާން ވެއްޓުނު ގޮތަށް ކަނާތު ފައި ބިންދައިގެން ގޮސް ކަކުލު ހުޅުން އަނެއް ކޮޅަށް އޮތީ އެނބުރިފައި ކަމަށެވެ. އަދި ފައިގެ ފަލަމަސްގަނޑުގެ ކަށި ވެސް ހުރީ ބިންދައިގެން ގޮސްފައި ކަމަށް ވިދާޅުވި އެވެ.

"ކަނާތު ފައިގެ ފަލަމަސްގަނޑުގެ ވެސް ކަށިގަނޑު އެއްކޮށް ބިންދައިގެން ގޮސްފައި ހުރީ. ހުޅުން ފައި ހުރީ އަނެއް ފަރާތަށް އެނބުރިފައި،" އަލީ އަހުމަދު ވިދާޅުވި އެވެ.

ބޭރުފުށުން ފެންނަން ހުރި އަނިޔާތައް ފިޔަވައި އަދި އޭނާ އަށް ލިބުނު އެހެން އެއްވެސް އަނިޔާއެއް ނޭނގެ އެވެ. ނަމަވެސް، އިރުފާން ހޮސްޕިޓަލަށް ގެންދިޔަ އިރު އަނގައިންނާއި ނޭފަތުން ލޭ އަންނަމުން ދިޔަ އެވެ.

އަލީ އަހުމަދު ވިދާޅުވި ގޮތުގައި، އިރުފާނަކީ އާންމުކޮށް ރުކަށް އަރައި އުޅޭ ޒުވާނެކެވެ. މިއަދު އޭނާ ރުކުން ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ނޭނގޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުގަ އެވެ. އެކަމަކު، އެ ތަނުން ބޭނުންވާ ވަރަށް ފަރުވާ ނުދެވޭނެތީ މިހާރު ވަނީ މާލެ އަށް ފުރުވާލައިފަ އެވެ.