08 ނޮވެމްބަރ 2021 - 16:45

މާލޭގެ ދެ މިސްކިތަކަށް ވަދެ އެ ތަންތަނަށް ކުޑަކަމު ގޮސް، މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅު ޖެހި މީހާއާ ގުޅޭ މައްސަލަ އިސްލާހު ކުރަން ޕީޖީ އޮފީހުން އަނބުރާ ފުލުސް އޮފީހަށް ފޮނުވާލައިފި އެވެ.
މީހުން ނަމާދަށް ތިއްބައި މާލޭގެ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ތެރެއަށް އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމުދިޔަ މައްސަލައިގައި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކުރި މ. ޝޭޑީހޯމް، ހަސަން ޒިޔާދު 40، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 28 ގަ އެވެ.
ނަމަވެސް ޕީޖީ އޮފީހުން "މިހާރު" އަށް މިއަދު ބުނީ ޒިޔާދުގެ މައްސަލައިގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުރުމުން، އެ ކަންކަން ރަނގަޅު ކުރަން އަނބުރާ ފުލުހުންގެ އިދާރާ އަށް ފޮނުވާލާފައިވާ ކަމަށެވެ. އެކަމަކު، އިސްލާހު ކުރަން ފޮނުވީ ކޮން ބައިތަކެއް ކަމެއް ޕީޖީ އޮފީހަކު ނުބުނެ އެވެ.
ދައުވާ ކުރަން ނިންމުމުގެ ކުރިން އޮންނަ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ޕީޖީ އޮފީހުން އާންމުކޮށް ފުލުހުން ހުށަހަޅާ މައްސަލަތައް އިސްލާހު ކުރަން އަނބުރާ ފޮނުވަ އެވެ.
މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ޒިޔާދު ދޫކޮށްލާފައި ހުއްޓައި އިއްޔެ ހަވީރު މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ، އޭނާ ވަނީ ހަތިމަކަށް ކުޅު ޖަހައިފަ އެވެ. އެ މައްސަލަ ހޫނުވެ، އެ ތަނުގައި ތިބި މީހުން ނުކުމެ އޭނާ ފުލުހުންނާ ހަވާލު ކުރި އެވެ. އޭގެ ފަހުން އަދި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީން ބެލި ބެލުމުން ޒިޔާދަކީ ނަފުސާނީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ.