08 ނޮވެމްބަރ 2021 - 14:10

ގއ. ކޫއްޑު އަށް މަސް ކިރަން މިއަދު ވަން ދޯންޏެއް ކޮންޓްރޯލުން ނެއްޓި، އެ ރަށުގެ ތޮއްޓަށް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ހާދިސާގައި ދޯނީގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ދޯނީގެ ކައްޕި، މުހައްމަދު ރަމީޒު "މިހާރު" އަށް ބުނީ އެ ހާދިސާ ހިނގީ މަސް ކިރަން ކޫއްޑު އަށް މެންދުރު 12:30 ހާއިރު ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އޭނާ ބުނި ގޮތުގައި ފަޅަށް ވަނުމަށް ފަހު، ގިޔަރު ކަނޑާލައި ފަހަތަށް ހިފި ނަމަވެސް ދޯނީ ދިޔައީ ކުރިއަށް ކަމަށެވެ.
"...ގިޔަރު ކަނޑަން އުޅެއުޅެ ގިޔަރެއް ނުކެނޑުނު. ފަހަތަށް ލީމާ ކުރިއަށް ދުވަނީ. ކޮންޓްރޯލުން ނެއްޓި ތޮށީގައި ގޮސް ޖެހުނީ،" ކައްޕި ބުންޏެވެ.
އެ ހާދިސާގެ ސަބަބުން ދޯނީގެ ބަނޑު ފިލާގެ ހަތަރު ފޫޓެއް ވަރު ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.
އެއީ ގާތްގަނޑަކަށް 50،000-60،000ރ. ގެ ގެއްލުމެއް ކަމަށް ވެސް ކައްޕި ބުންޏެވެ.
ކޫއްޑޫ ފަޅުގައި ބާއްވައިގެން ދޯނީގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ދޯނީގެ މަރާމަތަށް ހަތަރު ވަރަކަށް ދުވަހަށް، މަސްވެރިކަން ހުއްޓައިލަން ޖެހުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.