ޖުލައި މަހުން ފެށިގެން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް މައްޗަށް، މިހާރު 4 ޕަސެންޓާ ގާތުގައި
ޖުލައި މަހުން ފެށިގެން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް މައްޗަށް، މިހާރު 4 ޕަސެންޓާ ގާތުގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންްގެ އަދަދު މިދިޔަ ޖުލައި މަހުން ފެށިގެން މަޑުމަޑުން އިތުރުވަމުންދާ ކަމަށާއި މިހާރު އެ ރޭޓް ހުރީ ހަތަރު ޕަސެންޓާ ގާތުގައި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް އެންމެ ފަހުން ފަސް ޕަސެންޓުން މައްޗަށް ދިޔައީ ޖޫން މަހުގަ އެވެ. އެއީ 6.6 ޕަސެންޓަށެވެ.

އޭގެ ފަހުން، ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ޕޮޒިޓިވިޓީ ރޭޓް އުޅުނީ ދެ ޕަސެންޓުގަ އެވެ. އެކަމަކު އެ މުއްދަތުގައި ވެސް މަޑުމަޑުން އެ އަދަދު ދިޔައީ މަތިވަމުންނެވެ. ޖުލައިގައި ޕޮޒިޓިވިޓީ ރޭޓް 2.04 ގައި ހުރިއިރު އޮގަސްޓް މަސް ނިމުނުއިރު ހުރީ 2.10 ގަ އެވެ. އަދި ސެޕްޓެމްބަރު މަހު 2.56 ގައި ޕޮޒިޓިވިޓީ ރޭޓް ހުރިއިރު އޮކްޓޫބަރުގައި އެ އަދަދު ހުރީ 2.64 ގަ އެވެ. މިމަހުގެ މިހާތަނަށް ޕޮޒިޓިވިޓީ ރޭޓް މަތިވެފައި ހުރީ 3.89 އަކަށެވެ.

ޕޮޒިޓިވިޓީ ރޭޓް މައްޗަށް އަރަމުން އަންނައިރު ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރާ މިންވަރު ވެސް މަހުން މަހަށް ދަށްވަމުން އެބަދެ އެވެ. ޖުލައި މަހުގައި 177،863 ސާމްޕަލް ޓެސްޓްކުރިއިރު އޮގަސްޓު މަސް ނިމުނުއިރު ޓެސްޓްކުރެވިފައި ވަނީ 167،681 ސާމްޕަލެވެ. އަދި ސެޕްޓެމްބަރުގައި އެ އަދަދު 144،598 އަށް ދަށްވިއިރު އޮކްޓޫބަރުގައި ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 112،584 ގަ އެވެ. މި މަހުގެ މިހާތަނަށް ޓެސްޓްކޮށްފައި ވަނީ 26،537 ސާމްޕަލެކެވެ.

މުޅި ރާއްޖޭގެ އަދަދުތައް މަތިވެފައި މި ވަނީ ރަށްރަށުގެ ކޮވިޑްގެ ކޭސްތައް އިތުރުވުމުން ކަމަށް މި ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ މަހު ރަށްރަށުގެ ޕޮޒިޓިވިޓީ ރޭޓް ހަ ޕަސެންޓަށް ވެސް އަރައިގެން ގޮސްފައި އެބަ ހުއްޓެވެ. އެކަމަކު މި މަހުގެ މިހާތަނަށް ރަށްރަށުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 4.71 ޕަސެންޓްގަ އެވެ. އަދި މާލޭގެ ކޮވިޑް ނަމްބަރުތައް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި ހުރިއިރު އެ އަދަދު މާލޭގައި ހުރީ 3.8 ޕަސެންޓްގަ އެވެ.

މުޅި ރާއްޖޭގެ ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފަށާފައި މިވަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައި ވަނިކޮށެވެ. އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން މިހާތަނަށް 359،394 މީހަކު ތިބީ ވެކްސިން ފުރިހަމަކޮށްގެންނެވެ. އަދި ހަތަރު ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ތިބީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ.