އަލީ ވަހީދު ހާޒިރު ނުވުމުން ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލް
އަލީ ވަހީދު ހާޒިރު ނުވުމުން ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލް

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމަށް އޭނާ މިއަދު ސުޕްރީމް ކޯޓަށް ހާޒިރުނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އަލީ ވަހީދަށް ދޭން ނިންމުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ނުބާއްވަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.

މި މައްސަލައިގައި މިއަދު ހެނދުނު 9:000 އަށް އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް، އޭނާ އަލީ ވަހީދު އެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެކަމަކު، އޭނާ ރާއްޖެއަށް ގެނެވިފައި ނުވާތީ އެ ހުކުމް ތަންފީޒެއް ނުކުރެވެ އެވެ. އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން އެނބުރި ވަޑައެއް ނުގަންނަވަ އެވެ. ދައުލަތުން ބުނާ ގޮތުގައި އޭނާ އުޅެނީ ފިލައިގެންނެވެ.

ދައުލަތުން އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރެވުނީ ކެންސަލް ކޮށްފައިވާ އޭނާ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހިފަހައްޓާށެވެ. އަލީ ވަހީދުގެ އާދައިގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން މަސައްކަތް ކުރުމުން ކޯޓުން ނިންމާފައި ވަނީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.